ޚަބަރު

ކޯވިޑް-19 ޖެހުނު އިޓަލީ ފަތުރުވެރިޔާ މާލެ އައިސް ދެ ސަރަހައްދަކަށް ގޮސްފައިވޭ


ކޯވިޑް-19 ރާއްޖެއަށް ފެތުރެން ދިމާވި އިޓަލީ ފަތުރުވެރިޔާ މާލެ އައިސް ދެ ސަރަހައްދަކަށް ގޮސްފައިވާކަން އެނގިފައިވާކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

މިކަމާ ބެހޭ މަޢުލޫމާތު ދެއްވަމުން ކޯވިޑް-19އާ ގުޅޭ މަޢުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި ސްޕޯކްސް ޕާސަން މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ، ކޯވިޑް-19ގެ އަލާމާތެއް ހުއްޓައި އެ ފަތުރުވެރިޔާ ކަމާބެހޭ މުއައްސަސާތަކަށް ނޭނގި ރާއްޖެއިން ފުރައިގެން ގޮސްފައިވާތީ، އެކަމުގައި އިހުމާލުވެފައިވާ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާނެކަމަށެވެ.

މަބްރޫކް ވިދާޅުވީ، އިޓަލީގެ މި ފަތުރުވެރިޔާ ހުން އައިސް ކޯވިޑް-19ގެ އަލާމަތްތައް ފެނުމުން އެ ރިސޯޓްގެ ޑޮކްޓަރަށް ދައްކާފައިވާކަން ކޮންޓެކްޓް ޓްރޭސިންގް އިން ހާމަވެފައިވާކަމަށެވެ. އަދި އޭނާ އެނބުރި ޤައުމަށް ދާން އައިސް މާލޭގެ މާގިރި ހޮޓަލަށާއި ޔުނިވަރސަލްގެ އޮފީހަށް އައިސްފައިވާކަން ހާމަވެފައިވާކަމަށެވެ.

މި ބަލި ކޮންޓްރޯލްކުރުމަށް މާގިރި ހޮޓެލްގެ 15 ފަރާތެއް ރޫމް އައިސޮލޭޝަންގައި ބަހައްޓާފައިވާއިރު، މިއިން އެއްވެސް ފަރާތެއްގެ ކިބައިން މި ބަލީގެ އަލާމަތްތައް މިހާތަނަށް އައިއިރުވެސް ފެނިފައި ނުވާކަމަށް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކްވަނީ ޔުނިވަރސަލްގެ އޮފީހުން ފަތުރުވެރިޔާއާއި ކޮންޓެކްޓްވި މީހާގެ ކިބައިން ވައިރަސްގެ އަލާމަތްތައް ފެނުމުން އޭނާ ފަރުކޮޅުފުއްޓަށް ކަރަންޓީން ކުރުމަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. މަބްރޫކްވަނީ، ކުރެއްދޫ ކޭސްއާއި ގުޅިގެން އެރަށުން ބޭރުގައި 7 ފަރާތެއް އައިސޮލޭޓްކޮށްފައިވާކަން ހާމަކުރައްވާފައެވެ.

"މިބަލި އެންމެ ފުރަތަމަ ފެނުނު ކުރެއްދޫއިން އައި ފަތުރުވެރިޔާ ވަނީ މާލެ އައިސްފައި. އެމީހާގެ ކޮންޓެކްޓް ޓްރޭސިންގް ހަދާ އޭނާ މާގިރި އަދި ޔުނިވަރސަލްއަށް ދިޔަކަން ވަނީ އެނގިފައި. މާގިރި ހޮޓެލްގެ 15 ފަރާތެއް ރޫމް އައިސޮލޭޝަންއަށް ބަހައްޓާފައިވާއިރު، މިއިން އެއްވެސް ފަރާތެއްގެ ކިބައިން މި ބަލީެ އަލާމަތްތައް މިހާތަނަށް އައިރުވެސް ފެނިފައި ނުވޭ. ޔުނިވަރސަލްގެ އޮފީހުން ފަތުރުވެރިޔާއާއި ކޮންޓެކްޓްވި މީހާގެ ކިބައިން ވައިރަސްގެ އަލާމަތްތައް ފެނުމުން އޭނާ ފަރުކޮޅުފުއްޓަށް ކަރަންޓީން ކުރުމަށް ގެންދިއުމަށް މަސައްކަތް މިދަނީ ކުރަމުން" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކްވަނީ މިހާތަނަށް އައިއިރު މި ވައިރަސް ހުރިތޯ ބެލުމަށް 63 ސާމްޕަލްއެއް ނަގާފައިވާކަމަށެވެ. އެގޮތުން މިހާރު ށ. ފޯކައިދޫ އާއި ޅ. ހިންނަވަރުން ދެ މީހެއްގެ ސާމްޕަލް ނެގުމަށް ފަރުކޮޅުފުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.