ޚަބަރު

އޭޑީކޭގައި އެޑްމިޓްކޮށްފައިވާ ހާލުބޮޑު ބަލިމީހުންނަށް ޒިޔާރަތްކުރުން ވަގުތީގޮތުން މެދުކަނޑާލައިފި


އޭޑީކޭގައި އެޑްމިޓްކޮށްފައިވާ ހާލުބޮޑު ބަލިމީހުންނަށް ޒިޔާރަތްކުރުން މިއަދުން ފެށިގެން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

މިކަމާ ގުޅޭގޮތުން އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި އެ ހޮސްޕިޓަލުންވަނީ، އޭޑީކޭ ގެ އައި.ސީ.ޔޫ، ސީ.ސީ.ޔޫ، އެޗް.ޑީ.ޔޫ ގައި އެޑްމިޓްކުރެވިފައިވާ ބަލި މީހުންނަށް ޒިޔާރަތް ކުރުން ވަގުތީގޮތުން ހުއްޓާލާފައިވާކަން އިއުލާންކޮށްފައެވެ. އަދި ޕްރައިވެޓް ރޫމާއި ވޯޑު ތަކުގައި އެޑްމިޓްކުރެވިފައިވާ ބަލި މީހުންނަށް ޒިޔާރަތް ކުރުން މަދުކުރުމަށް ވަނީ ގޮވާލާފައެވެ. މިގޮތަށް ނިންމީ މިތަންތަނުގައި އެޑްމިޓްކުރެވިފައިވާ ބަލި މީހުންގެ ރައްކާތެރިކަމަށްޓަކައި ކަމަށް އެ ހޮސްޕޓަލުން ވިދާޅުވެއެވެ.

މީގެ އިތުރުން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން، ޕްރައިވެޓް ރޫމާއި ވޯޑުތަކުގައި އެޑްމިޓްކޮށްފައިވާ ބަލިމީހާ ގާތުގައި އެހީތެރިއެއްގެ ގޮތުގައި އެންމެ ބޭފުޅަކު މަޑުކުރެއްވުމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ އިލްތިމާސްކުރައްވާފައެވެ.

އޭޑީކޭގައި އެޑްމިޓްކޮއްފައިވާ ހާލުބޮޑު ބަލިމީހުންނަށް ޒިޔާރަތްކުރުން ހުއްޓާލާފައިވާއިރު، އައި.ޖީ.އެމް ހޮސްޕިޓަލްގައިވެސް ވަނީ އެޑްމިޓްކޮށްފައިތިބޭ ބަލި މީހުންގެ ގާތަށް ޒިޔާރަތްކުރުން ވަގުތީގޮތުން މެދުކަނޑާލާފައެވެ. ރާއްޖެއިން ކޯވިޑް-19 އަށް 4 މީހަކު ޕޮޒިޓިވްވިކަން ސަރުކާރުން އިއުލާނުކޮށްފައި ވީނަމަވެސް ރައްޔިތުން ހާސްވެ ކަންބޮޑު ނުވުމަށް ކަމާއި ބެހޭ އިދާރާތުން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި މި ވައިރަހުން ރައްކާތެރިވުމުގެ ގޮތުން އެންމެ އެކަށީގެންވާ ފިޔަވަޅުތައް އަޅާފައިވާކަންވެސް ކަމާބެހޭ ފަރާތްތަކުންވަނީ ހާމަކުރައްވާފައެވެ.