ކޮމާޝަލް ބަނދަރުތަކުގައި މުދާ ބަލައި ފާސްކުރުމުގެ މަސައްކަތުގައި ކަސްޓަމްސްގެ އަންހެން މުވައްޒަފުން ޙަރަކާތްތެރިވާން ފަށައިފިއެވެ.
މުދާ ބަލައި ފާސްކޮށް ދޫކުރުމުގެ ދާއިރާގައި، ދެ ޖިންސްގެ މެދުގައި ޒަމާނުއްސުރެ އޮތް މިތަފާތު ނައްތާލައި، މި ކަން އިފްތިތާޙްކޮށްދެއްވީ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކަސްޓަމްސް ބިލްޑިންގްގައި ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީއެވެ.
ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ކަސްޓަމްސްގައި ބޭއްވި ޙަފްލާގައި، ދުވަހުގެ ޝިއާރު ގެ ގޮތުގައި ކަނޑައެޅިފައިވާ "ޖީލުގެ ހަމަހަމަކަމަށް އަހަރެން: އަންހެނުންގެ ހައްޤުތައް ދެނެގަތުން" މި މަޢުޟޫއަށް ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގެ ސިޔާސަތުގެ ދަށުން ކަސްޓަމްސްގެ އަންހެން މުވައްޒަފުންނަށް ތަފާތު ކުރުމެއްނެތި މުދާ ދޫކުރުމުގެ މަސައްކަތް ކުރެވޭ ގޮތަށް ކަސްޓަމްސްއިން ނިންމި ނިންމުމަކީ މިންތީގެ ތަފާތު ކުރުންތައް ނައްތާލުމަށް އެޅި މުހިއްމު ފިޔަވަޅެއްކަމަށެވެ.
މި ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށްޓަކައި ކަސްޓަމްސްގެ ހުރިހާ ފަރާތްތަކުން މަސައްކަތް ކުރުމަށް ބާރުއެޅުއްވިއެވެ. އަދި ކަސްޓަމްސްއިން އިސްނަގައިގެން މިފެށި މަސައްކަތް ނަމޫނާއެއްގެ ގޮތުގައި ބަލައި، އެހެން އިދާރާތަކުންވެސް މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް އިތުރު މަސައްކަތްތައް ކުރުމަށް ޖެންޑަރ މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ.
ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފު ދެއްކެވި ވާހަކަފުޅުގައި، މުދާ ދޫކުރުމުގެ މަސައްކަތުގައި އަންހެން އޮފިސަރުން ރަސްމީކޮށް ޙަރަކާތްތެރިވާން ފެށުމުން ކަސްޓަމްސްދާއިރާއިން މިހާތަނަށް ނުލިބި ހުރި ގިނަގުނަ ފުރުޞަތުތަކެއް އެ އޮފިސަރުންނަށް ހުޅުވިގެންދާނެކަމަށް ވިދާޅުވިއެވެ. މިގޮތުން، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދެވޭ ދާއިރާއާއި ގުޅުންހުރި ތަމްރީނުތަކުގައި ބައިވެރިކުރުމާއި، އަދި ކެރިއަރ ޕާތުގެ ތެރެއިން މަތީ ހަރުފަތްތައް ގިރާކުރުމަށް ހުރި ފުރުޞަތުތައް ފުޅާވެގެން ދާނެކަމަށް ފާހަގަކުރެއްވިއެވެ.