ޚަބަރު

ކޯވިޑް-19: ބަލި ކޮންޓްރޯލްކުރެވޭނެކަމާމެދު އުންމީދު އެބައޮތް - އަމީން


ކޯވިޑް-19 ރާއްޖޭގައި ފެތުރިގެންދިއުން ކޮންޓްރޯލް ކުރެވޭނެކަމުގެ އުއްމީދު ވަރަށްބޮޑުކަމަށާ، ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ އެ އުންމީދުގައިކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އާ ގުޅޭގޮތުން މަޢުލޫމާތުދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ އަމީން ވިދާޅުވީ މިބަލީގެ ޙާލަތާ ގުޅޭގޮތުން އަދި މާޔޫސް ވާންޖެހޭ ހިސާބަށް އެއްވެސްކަމެއް ނުދާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ބަލި ކޮންޓްރޯލްކުރުން ކަށަވަރުކުރުމަށް ހުރިހާ މުވައްސަސާއަކުންވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ބައްޔާ ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކުރުމުގެ ޑައިރެކްޓް ޓްރޭނިންގ ޕްރޮގްރާމެއް ހިންގަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އޭގެތެރެއިން މިހާތަނަށް އަށްޑިހަ އެއް ހާހަށްވުރެ ގިނަ މީހުނަށް މަޢުލޫމާތު ފޯރުކޮށްދެއްވާފައި ވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިވަގުތު ހުރިހާ ވަޞީލަތެއް މެދުވެރިކޮށް މިބަލީގެ މަޢުލޫމާތު ފޯރުކޮށް ނުދެވޭ އެއްވެސް ރަށެއް ނެތްކަމަށް ސަރުކާރުން ހާމަކުރައްވައެވެ.

ރާއްޖެއަށް ވަގުތުންވަގުތަށް ބޭނުންވާ ހުރިހާ ޒަރޫރީ ވަޞީލަތްތައް ހަމަކޮށް ރާއްޖެ މިބައްޔަށް ތައްޔާރުވެފައިވާކަމަށް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ކޯވިޑް-19އިން ރައްކާތެރިވެ އިތުރަށް ފެތުރުނަ ނުދިނުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގައި ރައްޔިތުން އެއްބާރުލުން ދިނުމަށް ހެލްތު މިނިސްޓަރ އަމީންވަނީ އިލްތިމާސްކުރައްވާފައެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ދުނިޔެގެ ސިއްޙަތު ޖަމްޢިއްޔާއާ ގުޅިގެން ޤައުމުތަކުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.