ޚަބަރު

މިވަގުތު ކަންބޮޑުވުމާއި ހާސްކަމުގެ ތެރެއަށް ނުދިއުމަށް ރައީސް ގޮވާލައްވައިފި


ކޯވިޑް 19 އާ ގުޅިގެން މިވަގުތު ކަންބޮޑުވުމާއި ހާސްކަމުގެ ތެރެއަށް ނުދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިފަދަ ދަނޑިވަޅެއްގައި މިދާއިރާގެ ތަޖުރިބާކާރުންކަމުގައިވާ ޑޮކްޓަރުންނާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭގެ ލަފަޔާއި އިރުޝާދަށް ޢަމަލުކުރައްވަމުން ގެންދެވުމަށް އިލްތިމާސް ކުރައްވާފައެވެ. ރާއްޖޭގައި ކޯވިޑް 19އަށް 2 ބިދޭސީއަކު ޕޮޒިޓިވްވެ އާންމުގެ މެދުގައި ބިރުވެރިކަން އުފެދިފައިވާ މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނުވަނީ ކޯވިޑް 19 އާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރަމުންދާކަމުގެ ޔަޤީންކަން އަރުވާފައެވެ.

ރައީސްގެ ޓުވީޓް

ކޯވިޑް 19 އާ ގުޅިގެން މިވަގުތު ކަންބޮޑުވުމާއި ހާސްކަމުގެ ތެރެއަށް ނުދިއުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވާފައިވާއިރު، ކޯވިޑް-19އާއި ގުޅިގެން ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ކޮންމެ ޚަރަދެއް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ފިނޭންސް މިނިސްޓްރީއަށް އަންގަވާފައެވެ.

މީގެ އިތުރުން ރާއްޖެއިން ކޯވިޑް-19އަށް ދެމީހަކު ޕޮޒިޓިވްވިކަން ސަރުކާރުން އިއުލާނުކޮށްފައި ވީނަމަވެސް ރައްޔިތުން ހާސްވެ ކަންބޮޑު ނުވުމަށް ކަމާބެހޭ އިދާރާތުން ވަނީ އިލްތިމާސްކޮށްފައެވެ. ‏ކޯވިޑް-19 ފެނިފައިވާ ޤައުމެއްގެ ހާލަތަށް ރާއްޖޭ ހާލަތު ބަދަލުވުމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ކަމާބެހޭ ފަރާތްތަކާއެކުވެސް މަޝްވަރާކުރައްވާފައެވެ.

ކެބިނެޓުގެ ބައެއް ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ކަމާބެހޭ އިދާރާތަކުގެ އިސްވެރީންގެ އިތުރުން ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ކޯވިޑް-19 އަށް ދެ މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން، މި ބަލި އިތުރަށް ފެތުރުން ހުއްޓުވުމަށް ސަރުކާރާއި ކަމާބެހޭ އިދާރާތައް ގުޅިވަޑައިގެން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި ބެހޭގޮތުން މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ މަޢުލޫމާތު އޮޅުންފިލުއްވެވިއެވެ. އަދި، މިހާރު ރާއްޖޭގެ ޢާންމު ޞިއްޙަތުގެ ރިސްކް ލެވެލް ކުރިއަށްވުރެ މަތިކޮށްފައި ވާތީ، މިހާރު އަމަލު ކުރަމުންދާ ގޮތުގެ މަޢުލޫމާތު ސާފުކުރައްވައި، ފާރަވެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދެވުމަށް އިރުޝާދު ދެއްވިއެވެ.
ކޯވިޑް 19 އާ ގުޅިގެން މުޅި ރާއްޖެއަށްވަނީ ޔެލޯ އެލަރޓް ނެރެފައި. އަދި މިބައްޔަށް ޕޮޒިޓިވްވި 2 ބިދޭސީން ފެނުނު ކުރެއްދޫ އައިލެންޑް ރިޒޯޓަށްވަނީ އޮރެންޖް އެލަރޓް ނެރެފައެވެ.

މީގެ އިތުރުން، ދިވެހި ހުރިހާ ރައްޔިތުންނާއި، ރާއްޖޭގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުންނާއި، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަމާބެހޭ ފަރާތްތަކުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުންވެސް، ރައީސުލްޖުމްހޫރިއްޔާވަނީ މަޝްވަރާ ކުރައްވާފައެވެ. އަދި، މިފަދަ ކަންކަމާގުޅޭ މަޢުލޫމާތު ވަގުތުން ވަގުތައް ރައްޔިތުންނާއި ޙިއްޞާ ކުރަމުންދިޔުމުގެ މުހިއްމުކަމުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވައިލެއްވިއެވެ.