ޚަބަރު

ޢާއްމުންގެ ރައްކާތެރިކަމަށް ކުރަންޖެހޭ ކޮންމެ ޚަރަދެއް ކުރުމަށް ރައީސް ވަނީ އަންގަވާފައި - ޢަލީ ވަހީދު


ކޮވިޑް-19އާއި ގުޅިގެން ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ކޮންމެ ޚަރަދެއް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފިނޭންސް މިނިސްޓްރީއަށް އަންގަވާފައިވާކަމަށް، ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުމާ ގުޅިގެން ދިވެހި ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ މިޙާލަތުގައި ޤައުމުގެ މާލީ ޙާލަތަށް އަންނަމުންދާ ބަދަލުތައް ދިރާސާ ކުރަމުންދާކަމަށެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީއާއި ޓުއަރިޒަމް މިނިސްޓްރީއާއި ފިނޭނެސް މިނިސްޓްރީއާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގުޅިގެން ކޮންމެ ހަފްތާއަކުވެސް ރާއްޖޭގެ މަލީ ޙާލަތަށް އަންނަ ބަދަލުތައް ދެނެގަންނަމުންދާކަމަށް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވިއެވެ. އަދި ބަލީގެ އަސަރު ބޮޑުވެއްޖެނަމަ އިޤްތިޞާދަށް އަންނާނެ ބަދަލުތަކާއި، އެފަދަ ވަގުތަކަށް މާލީ ގޮތުން ތައްޔާރުވާނއ ގޮތްތައްވެސް ރާވަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކަނޑައަޅާފައިވަނީ ބެސްޓް ކޭސް ސިނާރިއޯ، ސެކަންޑް ކޭސް ސިނާރިއޯ، ތަރޑް ކޭސް ސިނާރިއޯ އަދި ވަރސްޓް ކޭސް ސިނާރިއޯގައި އަންނާނެ ބަދަލު. މިއިން ކޮންމެ ސިނާރިއޯއެއްގައި ބަޖެޓަށް ވަންނާނެ ވަރުދަނީ ދިރާސާކުރަމުން. ޙާލަތެއް ދިމާވެއްޖެނަމަ ކަޓް ޑައުންސް ގެންނާނެ ގޮތްތައް ދަނީ ބަލަމުން. ރަޢިސުލްޖުމްހޫރިއްޔާވަނީ ކޮރޯނާއާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަން ޖެހޭ ކޮންމެ ޚަރަދެއް ކުރުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީއަށް ދެއްވާފައި." ޢަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖެ ބަނގުރޫޓުވާ ޙާލަތަށް ނުދާނެކަމަށެވެ. އަދި މިކަމުގައި ރައްޔިތުން ކަންބޮޑު ނުވުމަށާ، ކަންބޮޑުވާންޖެހޭ ސަބަބެއް ނެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.