ކުޅިވަރު

އައްޑޫގައި ބޭއްވި މައިލޯ ސްޓްރީޓް ސޮކާ 2020 ތަށި ހަބޭސް އުފުލާލައިފި


ދިފޭދޫ ސްޕޯޓްސް އިން އިންތިޒާމް ކޮށްގެން ބޭއްވި މައިލޯ ސްޓްރީޓް ސޮކާ މުބާރާތް ހާބޭސް އިން ކާމިޔާބު ކޮށްފިއެވެ.

ހޮނިހިރު ދުވަހު ރޭގަނޑު ކުޅުނު މިމެޗް ޝަރަފުވެރިކޮށްދެއްވީ ޔޫތު މިނިސްޓަރ އަޙްމަދު މަޙުލޫފްއެވެ. އައްޑޫސިޓީ ގަމުގެ ފުޓްސަލް ދަނޑުގައި ކުރިއަށް ގެންދިޔަ މިމުބާރާތުގެ ފައިނަލް މެޗް ހަބޭސް ކާމިޔާބު ކުރީ ރޮޗެސްޓަރ ޓީމާއި ވާދަކޮށްގެންނެވެ. މިމެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެޓީމުވެސް 1-1 ވަނީ އެއްވަރުވެފައެވެ. މިދެޓީމުންވެސް މެޗުގައި ޖެހި ލަނޑުތަށް ޖަހާފައިވަނީ ދެވަނަ ހާފްގައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވެއެވެ. މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.

ޖުމްލަ 20 ޓީމު ބައިވެރިވި މިމުބާރާތުގައި ޗެމްޕިއަން ޓީމަށް ތައްޓާއި މެޑަލް އާއި އެކު 55،000ރ. ގެ ފައިސާގެ އިނާމް ދީފައިވެއެވެ. އަދި ރަނަރަޕް ޓީމަށް ތައްޓާއި މެޑަލްއާއި އެކު 25000ރ. ގެ ފައިސާގެ އިނާމް ދީފައިވެއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ތައްޓާއި މެޑަލް އަދި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ޔޫތު މިނިސްޓަރ އަޙްމަދު މަޙުލޫފްއެވެ. މުބާރާތުގެ ރަނަރަޕް ޓީމަށް ތައްޓާއި މެޑަލް ހަވާލު ކޮށްދެއްވީ ފޭދޫ ދައިރާގެ މެމްބަރު މުހައްމަދު ނިހާދުއެވެ.

މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ، ފައިނަލް މެޗުގެ ވެސް އެންމެ މޮޅު ކުޅުންތެރިއާގެ މަޤާމު ހޯދި ހަބޭސް ޓީމުގެ ޖާޒީ ނަންބަރު 8 އިބްރާހީމް އަސްވަދުއެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ، ސްކެވެންޖާސް ޓީމުގެ ޖާޒީ ނަންބަރު 10 އަޔާޒް އަޙްމަދެވެ. މުބާރާތު ފެއާ ޕްލޭޓީމަކަށް ހޮވިފައިވަނީ، ޔަންގް މެޖެންޓާއެވެ. އަދި އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ، އެފްސީ އަފިރިންގެ ޖާޒީ ނަންބަރު 11 ހުސައިން ޒިއިދާން މުހައްމަދުއެވެ.

މިމުބާރާތަކީ ދިފޭދޫ ސްޕޯޓްސް އިން އިންތިޒާމް ކޮށްގެން ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާކޮށް، ކުޅިވަރު ދިރުވުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ. މިއަހަރުގެ ސްޓްރީޓް ސޮކާ މުބާރާތަކީ، ދިފޭދޫ ސްޕޯޓްސް އިން އިންތިޒާމު ކުރާ 9 ވަނަ މުބާރާތެވެ. މިއީ މުޅި އައްޑޫސިޓީ އަށް ހުޅުވަލެވިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.