ޚަބަރު

ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް، 43ރަށެއްގައި ކުރިއަށްދޭ


ރާއްޖޭގެ ކޮންމެ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމުގެ ވިއުގައެއް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މި މަސައްކަތުގެ ތެރެއިން އެކި މަރުޙަލާތަކުގައި މިހާރުވެސް 43ރަށުގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުންދަނީ ކުރަމުންނެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ރަށްތަކުގެ ފެން ފަށަލަ ތަޣައްޔަރުވުމުގެ މައްސަލަ މިހާރުވެސް ގިނަ ރަށްރަށަށްވަނީ ދިމާވެފައެވެ. އެގޮތުން ފެންފަށަލަ ލޮނުވުމާއި، ނުބައި ވަސް ދުވުމާއި ބިމުއަޑިއަށް ނަޖިސް ފެން ހިންދާ ޖަންކްޝަން ހެދުމުގެ ސަބަބުން މިމައްސަލަ ގިނަ ރަށްތަކުގައިވަނީ ބޮޑު މައްސަލައަކަށް ވެފައެވެ.

ބިމުގެ އަޑިން ފެން ނަގައިގެން އެފެން ސާފުކޮށް ޢާއްމުންނަށް ފޯރުކޮށްދިނުމަށް ގިނަރަށްތަކެގައި އާރް.އޯ ފެން ޕްލާންޓް ޤާއިމުމުގެ މަސައްކަތް ސަރުކާރުން މިހާރުވެސްވަނީ ފަށާފައެވެ. ފެނާއި ނަރުދަމާގެ މަޝްރުޢޫތަކަށް މިއަހަރަށް ކަނޑައެޅި ބަޖެޓުގައި 1.2ބިލިއަނަށްވުރެ ގިނަ ރުފިޔާވަނީ ހިމަނާފައެވެ.

މި ފައިސާއަކީ މިދިޔަ އަހަރު ސަރުކާރުން ފެށި މަޝްރޫޢުތަކާއި އަލަށް ފަށާ މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ ފައިސާއެވެ. އަލަށް ފަށާ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަށް 146.8މިލިއަން ރުފިޔާ ބަޖެޓުގައި ކަނޑައަޅާފައިވެއެވެ.

ސަރުކާރުން މިހާރުވެސްދަނީ އެކި ރަށްރަށުގައި އެކި މަރުޙަލާތަކުގައި ފެނާއި ނަރުދަމާގެ 43 މަޝްރޫޢު ހިންގަމުންނެވެ. މި މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްދާގޮތުގެ ތަސްފަސީލްތައް ސަރުކާރުންދަނީ ހާމަކުރަމުންނެވެ.

މިހާތަނަށް ސަރުކާރުންވަނީ 10ރަށުގެ ފެނުގެ ނިޒާމުގެ ޢަމަލީ މަސައްކަތް އެ ރަށްތަކުގައި ފަށާފައެވެ. އަދި މަސައްކަތް ފެށުމުގެކުރިން ހަދަންޖެހޭ ސައިޓް ސަރވޭތަށް ދަނީ 17ރަށުގައި ހިންގަމުންނެވެ. މީގެ އިތުރުން ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ ތިމާވެއްޓަށް ގެއްލުންވާ މިންވަރު ބެލުމަށް ހަދާ އީއައިއޭގެ މަސައްކަތް 6 ރަށުގައި ދަނީ ހިންގަމުންނެވެ.

އަދި އިތުރު 10ރަށުގައި ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން ކުރިއަށްގެންދާ ކޮންސަލްޓަންސީ މަރުޙަލާގެ މަސައްކަތްތައް ދަނީ ކުރިއަށެވެ. މި މަސައްކަތަކުގެ ތެރޭގައި ޔުނިސެފްގެ ގްރީން ކްލައިމެޓް ފަންޑުގެ އެހީގައި 5 ރަށެއްގައިދަނީ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ހިންގަމުންނެވެ.

ޖީސީއެފްގެ އެހީގައި ފެނުގެ ނުޒާމުގެ ހިންގުމަށް މަސައްކަތް އެވޯޑް ކޮށްފައިވާ ރަށްތަކަކީ ހދ.ނޮޅިވަރަންފަރު، ހދ.ނޮޅިވަރަމު، ށ.ފޯކައިދޫ، ރ.މަޑުއްވަރީ އަދި ބ.ދަރަވަންދޫއެވެ.

ފެނުގެ ނިޒާމުގެ ޑިޒައިން ކޮންސަލްޓަންސީ މަރުޙަލާގައި އުޅޭ ރަށްތަކަކީ ހއ.މުރައިދޫ، ށ.ފީވައް، ހެނބަދޫ، ރ.އިންނަމާދޫ، ކ.ހިންމަފުށި، އއ.މަރިވެރި، އދ.އޮމަދޫ، އދ.ފެންފުށި، ތ.މަޑިފުށި އަދި ތ.ދިޔަމިގިއްޔެވެ.

މީގެ އިތުރުން އިރުވައި މޫސުމުގެ ހުނު ދުވަސްތަކުގައި ރަށްރަށަށް ދިމާވާ ބޯފެނުގެ މައްސަލަ ޙައްލުކުރުމަށް ދަޢުލަތުންނާއި، ގްރީން ކްލައިމެޓް ފަންޑުގެ އެހީގައި ރާއްޖޭގެ އެކި ރަށްރަށުގައޮ ބޯފެން ރައްކާކުރާ ނިޒާމު ހެދުމަށްވަނީ ހިމަނާފައެވެ. ބޯފެން ރައްކާކުރާ ނިޒާމު ޤާއިމުކުރުމަށް 75މިލިއަނެއްހައި ރުފިޔާ ޚަރަދުކުރުމަށްވަނީ ހިމަނާފައެވެ.