ޚަބަރު

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ފަށައިފި


ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސްޕީޗް ތެރެޕީ ޚިދުމަތް ފަށައިފިއެވެ. މި ޚިދުމަތް މިމަހު ފުރަތަމަ ދުވަހުން ފެށިގެން ދޭން ފަށައިފައިވީނަމަވެސް ރަސްމީކޮށް ޚިދުމަތް ދޭން ފަށާފައިވަނީ މިމަހު 7 ވަނަ ދުވަހު އެވެ.

ޕީ.އެސް.އެމް ނިއުސް އަށް މަޢުލޫމާތު ދެއްވަމުން ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ދާއޫދު ވިދާޅުވީ ސްޕީޗް ތެރެޕީގެ ޚިދުމަތް މިމަހު 1 ވަނަ ދުވަހުން ފެށިގެން ދެމުންދާކަމަށާ މިކަމާ ގުޅިގެ ރައްޔިތުންނަށް މިދާއިރާއިން ބޮޑު ފަސޭހަތަކެއް ލިބިގެންދާކަމަށެވެ. އަދި ކުރިން މި ޚިދުމަތް ހޯދުމަށް ދާން ޖެހެނީ މާލެކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ މިއީ ގިނަ ދުވަސްތަކެއްގެ މަތީން ދޭން ޖެހޭ ޚިދުމަތަކަށްވާތީ ކުޅުދުއްފުށީގައި މިޚިދުމަތް ފެށުމުން އެސަރަޙައްދުގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް ލުއި ފަސޭހަ ތަކެއް ލިބޭނެކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ހަފްތާއަކު 6 ދުވަހު ލިބިގެން ދާނެކަމަށާއި މިހާރުވެސް މި ޚިދުމަތް ހޯދުމަށް ޓަކައި 33 ފަރާތަކުން ނަން ނޯޓް ކޮށްފައިވާކަމަށް ހޮސްޕިޓަލުން މަޢުލޫމަތު ދެއެވެ. މީގެ އިތުރުން އެ ހޮސްޕިޓަލުން އީއީޖީ ގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުން ދާކަމަށާއި މިޚިދުމަތާއެކު ނިއުރޮލޮޖީގެ ޚިދުމަތް އިތުރަށް ފުޅާ ވެގެން ދާނެކަމަށް ހޮސްޕިޓަލުގެ މެނޭޖަރ ވިދާޅުވިއެވެ.