އަންހެނުންނަށް ކުރާ އަނިޔާތަައް ބެލުމަށްޓަކައި ޕާލަމެންޓްރީ އިންކުއަރީއެއް ހެދުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިދިޔަ ބުރާސްފަތި ދުވަހު ހުށަހެޅުއްވި ގަރާރުގައި ވަނީ މުޖުތަމައުގައި އަންހެނުންނާއި މެދު ކުރާ ނޭދެވޭ ތަފާތުކުރުންތައް ނައްތާލުމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށާއި ދިވެހި މުޖުތަމައުގައި އަންހެނުންނަށް ހަމަހަމަ ފުރުސަތު މަގުފަހިކޮށްދިނުމަށް ހިމަނާފައެވެ. އަދި ގާނޫނުގެ ކުރިމަތީގައި ހަމަހަމަކަން ކަށަވަރުކޮށްދިނުމަށާއި މިފަދަ ކަންކަމާ ގުޅޭގޮތުން ރާއްޖޭގައި އަމަލުކުރާ ގާނޫނުތަކާއި ގަވާއިދުތަކާއި ސިޔާސަތުތަކާއި ނިޒާމުގައި ހުރި ދަތިތަކާއި ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމެޓީން ޕާލިމަންޓްރީ އިންކުއަރީއެއް ހަދައި އެކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އިސްލާހުކުރަންޖެހޭ ކަންކަން ބަޔާންކޮށް އެ ކޮމެޓީގެ ހުށައެޅުންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އިވާ ހުށައެޅުއްވި ޤަރާރުގައި ވަނީ ގޮވާލައްވާފައެވެ.
މި ގަރާރުގައި ވަނީ ރާއްޖޭގެ އާބާދީގައި 49 އިންސައްތަ އަންހެނުން ހިއްސާކުރާއިރު އެމީހުންނާ މެދު ކުރާ ތަފާތުކުރުންތަކަށް ނިމުމެއް ގެންނަން، ގައުމީ ތަރައްގީގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި ފުރިހަމަ ހިއްސާ އޮތުމުން ތަރައްގީގެ ދުވެލި ހަލުވިވެގެންދާނެކަން ފާހގަކުރައްވާފައެވެ.
ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ބައިވެރިވުން އިތުރުވުމަކީ އަންހެނުންނަށް ކުރިމަތިވާ މައްސަލަތަކަށް ހައްލު ހޯދުމަށް އެޅޭ މުހިއްމު ފިޔަވަޅެއްކަން ޤަރާރުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރި މަސައްކަތުގެ ތެރެއިން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހަކީ ގައުމީ ތަރައްގީގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށްޓަކައި އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށަށް ޤަރާރުގައި ވަނީ ބުނެފައެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ކައުންސިލްތަކަށް އިންތިޚާބުކުރާ މެމްބަރުންގެ ތެރެއިން 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރަންޖެހެއެވެ. އަދި މިއީ ޤައުމީ ތަރައްޤީގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށްޓަކައި އަންހެނުން ބާރުވެރިކޮށް ޙައްޤުތައް ރައްކާތެރިކުރުމަށް އެޅި މުހިއްމު ފިޔަވަޅެއްކަން ވަނީ ފާހަގަކުރައްވާފައެވެ.
އަންހެނުން ބާރުވެރިކުރުވުމަށް ކުރާ މަސައްކަތުގައި އަދި އަންހެނުންނާއި މެދު ކުރާ ތަފާތުކުރުންތައް ނައްތާލުމަށްޓަކައި ރާއްޖޭގައި އަމަލުކުރާ ގާނޫނުތަކާއި ގަވާއިދުތަކާއި ސިޔާސަތުތަކާއި ނިޒާމުގައި ހުރި ދަތިތައް ހައްލުކުރުމަށްޓަކައި އެތައް މަސައްކަތެއް ކޮށްފައިވީ ނަމަވެސް އަންހެނުން ބާރުވެރިކުރުވައި ހަމަހަމަ ފުރުސަތު ހޯދައިދިނުމަށްޓަކައި މީގެ އިތުރުން ވެސް ކަންކަން ކުރަންޖެހިފައިވާ ކަމަށް އީވާ ހުށައެޅުއްވި ޤަރާރުގައި ވެއެވެ.