ޚަބަރު

ހުރިހާ ސިޔާސީ ޕާޓީތަކުން ކެމްޕޭން ހަރަކާތްތައް ހުއްޓާލައިފި


ރާއްޖޭން ކޯވިޑް 19 ގެ ކޭސްތައް ފެންނަން ފެށުމާއިއެކު ސިޔާސީ ޕާޓީތަކުން އަންނަ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކެމްޕޭން ހަރަކާތްތައް ހުއްޓާލައިފިއެވެ.

ސިޔާސީ ޕާޓީތަކުން ވަނީ، މިފަދަ ނިންމުމެއް ނިންމާފައި ވަނީ ކޯވިޑް 19 އިން ރައްކާތެރިވުމުގެ ގޮތުން އާންމުން އެއްތަނަކަށް އެއްވުން ކުޑަކުރުމައްޓަކައެވެ. އެގޮތުން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި، ކޯލިޝަން ޕާޓީ ޖުމްހޫރީ ޕާޓީ އަދި އިދިކޮޅު ޕާޓީތައްކަމުގައިވާ ޕީޕީއެމް ޕީއެންސީ ކޯލިޝަނުންވެސް ވަނީ އެ ޕާޓީތަކުގެ ކެމްޕޭން އަމަލީ ހަރަކާތްތައް މެދުކަނޑާލާފައިވާކަން އިއުލާންކޮށްފައެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއިން ވަނީ، މާދަމާ އެމްޑީޕީ އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ލ. އަތޮޅު ކުރައްވަން ހަމަޖެހިފައި އޮތް ދަތުރާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފުވައްމުލަކު ސިޓީއަށް ކުރައްވަން ހަމަޖެހިފައި އޮތް ދަތުރުވެސް ވަނީ ކެންސަލްކޮށްފަ އެވެ. އަދި ޕީޕީއެމް-ޕީއެންސީއިން ކެމްޕޭނަށް އަތޮޅުތެރެއަށް ކުރަމުން ދިޔަ ދަތުރުތައްވެސް ވަނީ ހުއްޓާލައިފަ އެވެ. މީގެ އިތުރުން އަންނަ ހުކުރު ދުވަހު ޖުމްހޫރީ ޕާޓީން އަލިމަސް ކާނިވާ ސަރަހައްދުގައި ބާއްވަން އުޅުނު ބޮޑު ޖަލްސާ މުއްދަތެއް ނެތް ގޮތަށް ވަނީ ފަސްކޮށްފައެވެ.