ޚަބަރު

ރާއްޖެ-ބުރުނާއީ ގުޅުމުގެ އައު ބާބެއް މިއަދު ފެށިއްޖެ: މިނިސްޓަރ ޝާހިދު


ރާއްޖެއާ ބުރުނާއީގެ ގުޅުމުގެ އައު ބާބެއް މިއަދު ހުޅުވިއްޖެކަމަށާއި، މިއާއެކު ދެ ޤައުމުގެ ގުޅުން އައު އުސްމިންތަކަކަށް ދާނެކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ 21 އަހަރަށްފަހު ދިވެހި ސަރުކާރުގެ އިސް ބޭފުޅެއްގެ ގޮތުގައި ބުރޫނާއީއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ރަސްގެފާނު ސުލްޠާން ޙަސަނުލް ބުލްކިއާ މުއިއްޒައްދީން ވަދާޢުﷲ ގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތައްފަހު ކުރެއްވި ޓުވީޓުގައެވެ.

މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ވަނީ ރަސްގެފާނު ޙަސަނުލް ބުލްކިއާއަށާއި ބްރޫނާއީގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް އާއި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހެޔޮ އެދުންތައް ރައްދު ކުރައްވާފައެވެ.

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު، ‏‏ބުރޫނާއީގެ ރަސްގެފާނު ޙަސަނުލް ބުލްކިއާގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތާގުޅޭގޮތުން ކުރެއްވި ޓުވީޓް

މިބައްދަލުވުމުގައި ވަޒީރު އަބްދުﷲ ޝާހިދު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި ބްރޫނާއީ އާއި ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމުގެ މުހިއްމުކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ބްރޫނާއީ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ ސްކޮލަރޝިޕްތަކަށް ޝުކުރު އަދާ ކުރައްވައި، އެސްކޮލަރޝިޕްތަކުގެ ސަބަބުން ރާއްޖެއަށް ލިބެމުންދާ ކުރިއެރުން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ބައިނަލްއަޤްވާމީ ވަރަށް ގިނަ މައްސަލަތަކުގައި ރާއްޖެއާ ބުރޫނާއީގެ ވިސްނުން އެއްގޮތްކަން ފާހަގަކުރައްވައި، މިކަމުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ވެގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި އޯ.އައި.ސީގެ މެމްބަރު ޤައުމުތަކާއެކު އޮންނަ ސިޔާސީ އަދި އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ދިވެހި ސަރުކާރުން އިސްކަމެއް ދެއްވާކަމަށްވެސް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

އަދި ދެ ޤައުމަކީވެސް ކޮމަންވެލްތުގެ މެމްބަރު ޤައުމުތައްކަމުން، ބައިނަލްއަޤްވާމީ ދާއިރާތަކުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރެއްވުމާ ގުޅޭ ގޮތުންވެސް ރަސްގެފާނާއެކު މިނިސްޓަރ ޝާހިދު މަޝްވަރާކުރެއްވިއެވެ.

ބުރުނާއީގެ ރަސްގެ ފާނުގެ އިތުރުން އެޤައުމުގެ ސެކަންޑް ފޮރިން މިނިސްޓަރ ދާތޯ ޕެކަރިމާ ޖާޔާ ހާޖީ މުޙައްމަދު ޔޫސުފް އާއި، އެޑިއުކޭޝަން މިނިސްޓަރ ދާތޯ ސްރީ ސެތީ އަވަން ހާޖީ ހަމްޒާ ބިން ހާޖީ ސުލައިމާން އަދި ހެލްތު މިނިސްޓަރ ޑރ. ހާޖީ މުޙައްމަދު އިޝާމް ބިން ހާޖީ ޖަފާރް އާއި ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމާއި، އިޖްތިމާއީ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭ ގޮތުންވަނީ މަޝްވަރާ ކުރައްވާފައެވެ.

ބްރޫނާއީއަކީ ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމެކެވެ. އެގޮތުން މާލޭ އިސްލާމީ މަރުކަޒު ބިނާކުރުމަށްވެސް ބްރުނާއީން 3 މިލިއަން ޑޮލަރުގެ އެހީ ދީފައިވެއެވެ.

ރާއްޖެއާއި ބްރޫނާއީ އާއި ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ 31 މާޗް 1984 ގައެވެ. ނަމަވެސް 1999 ވަނަ އަހަރުން ފެށިގެން ރާއްޖެ-ބްރޫނާއީ ގުޅުމަށް ދޭން ޖެހޭ މިންވަރަށް އަޅާލުން ދެވިފައެއް ނުވާކަން ޚާރިޖީ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.

ނަމަވެސް ޚާރިޖީ ވަޒީރުގެ މިދަތުރުފުޅާއެކު ދެ ޤައުމުގެ ގުޅުން އެތައް ގޮތަކުން ކުރިއަރައިގެންދާނެކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.