ޚަބަރު

ހިތުގެ މައި ލޭ ހޮޅި ބަދަލުކުރުމަށް ރާއްޖޭގައި ކުރި ފުރަތަމަ ސަރޖަރީ ކާމިޔާބު: އޭޑީކޭ


ހިތުގެ މައި ލޭ ހޮޅި ބަދަކުރުމަށް ރާއްޖޭގައި ކުރި ފުރަތަމަ ސަރޖަރީ ކާމިޔާބު ކަމުގައި އޭޑީކޭ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.
މި ސާޖަރީ ހަދާފައި ވަނީ އުމުރުން 70 އަހަރުގެ އަންހެނެއްގެ ކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިތުގެ މައި ލޭ ހޮޅި "އައޯރޓާ"ގެ ބައެއް ބަދަލުކުރުމަށް ކުރި ސަރޖަރީގެ މަޢުލޫމާތު މީޑިއާ އާއި ހިއްސާކުރައްވަމުން, އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އަފްޢާލް ވަނީ، މީގެ ދޮޅު އަހަރު ކުރިން އެ ހޮސްޕިޓަލުގައި ހިތުގެ އޮޕަރޭޝަންތައް ކުރަން ފެށީއްސުރެ މިއަދާއި ހަމައަށް ޖުމުލަ 43 އޮޕަރޭޝަން ކުރެވިފައިވާކަމަށް ވިދާޅުވެފައެވެ.
އެގޮތުން އޯޕަން ހާޓް ސަރޖަރީއާއި، ބައި ޕާސް އަދި ހިތުގެ ވޭލް ބަދަލުކުރުމުގެ ކާމިޔާބު ގިނަ ސާޖަރީތަކެއް ކޮށްފައިވާކަން އަފްޢާލް ފާހަގަކުރެއްވިއެވެ. އަފްޢާލް ވިދާޅުވީ މި އަހަރުގެ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހު ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިތުގެ މައި ލޭ ހޮޅި ބަދަކުރުމަށް ކުރި ސަރޖަރީއަކީ، ވަރަށް ކްރިޓިކަލް އަދި ރިސްކް ބޮޑު ސަރޖަރީއެއް ކަމަށެވެ. އެގޮތުން މި އޮޕަރޭޝަންގައި ހިތުގެ ތެޅުން ހުއްޓުވުމަށްފަހު ހިތުގެ މައި ލޭ ހޮޅީގައި މައްސަލަ ޖެހުނު ސަރަހައްދު މަސްނޫއީ ހޮޅިއަކަށް ބަދަލުކޮށްފައިވާކަމަށް އަފްޢާލް ވިދާޅުވިއެވެ.

"މިއީ ރިސްކް ބޮޑު ސަރޖަރީއެއް. މި ޕްރެސް ލަސްކުރީވެސް މި އޮޕަރޭޝަންގެ ސަކްސެސް ޔަޤީންކުރުމަށް ފަހު ޕްރެސް ބާއްވަންވެގެން. މި އޮޕަރޭޝަންގައި ހިތުގެ ތެޅުން ހުއްޓުވުމަށްފަހު ހިތުގެ މައި ލޭ ހޮޅީގައި މައްސަލަ ޖެހުނު ސަރަހައްދު މަސްނުވީ ހޮޅިއަކުން ބަދަލުކޮށްފައި މިވަނީ." އައްފާލް ވިދާޅުވިއެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި ހިތުގެ މައިލޭގހޮޅި ބަދަލުކުރި އަންހެންމީގާގެ ދަރިފުޅު ބައިވެރިވެ، މި އޮޕަރޭޝަން ކުރުމަށް އެ އާއިލާން ކަޑަތުކުރި ދަތުރު ހިއްސާކުރިއެވެ. އެގޮތުން މި އޮޕަރޭޝަން ކުރި 70 އަހަރުގެ އަންހެން މީހާއަކީ ހަކުރު ބައްޔާއި ލޭމައްޗަށް ދިއުން ފަދަ ބަލިތައް ތަހައްމަލުކުރަމުންދާ މީހެއްކަމުގައި ވުމުން މި އޮޕަރޭޝަން އިތުރަށް އުނދަގޫވިކަން ޕޭޝަންޓްގެ ދަރިފުޅު އަމްޖަދު ބުންޏެވެ. އެހެންނަމަވެސް، މި އޮޕަރޭޝަންކުރިތާ މިހާރު 2 މަސް ދުވަސް ވެފައިވާއިރު، ޕޭޝަންޓްގެ ޙާލަތު އާއމު ހާލަތަކަށް ބަދަލުވެފައިވާކަން އަމްޖަދު ފާހަގަކުރިއެވެ.

"އަޅުގަނޑުމެންނަށް ވާ ގޮތަކީ އޮޕަރޭޝަނެއް ކުރަންވީމަ ބޭރަށް ދާން ބޭނުންވަނީ. އަޅުގަނޑުވެސް މިގޮތައް މިކަން ކުރަންވީ. އަޅުގަނޑު ފާހަގަކޮއްލަން ބޭނުންވަނީ މި ޤައުމުގައި މި ވަސީލަތްތައް މިއަދު ހުރި އިރު މިކަން ކުރަން އެންމެ ރަނގަޅީ ހަމަ ރާއްޖޭގައި." އަމްޖަދު ފާހަގަކުރިއެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި އޭޑީކޭގައި މި އޮޕަރޭޝަން ކުރި ޓީމުންވަނީ، މި އޮޕަރޭޝަން ކުރިއަށް ދިޔަގޮތް މީޑިއާ އާއި ހިއްސާކޮށްފައެވެ.