ޚަބަރު

ހޯރަފުށި އެއަރޕޯޓުގެ މަސައްކަތް އަންނަ ސެޕްޓެމްބަރ މަހު ނިންމާލެވޭނެ - އެމްޓީސީސީ


ހޯރަފުށީ އެއާރޕޯޓުގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހު މުޅިން ނިންމާލެވޭނެ ކަމަށް އެމަސައްކަތް ކުރަމުންގެންދާ ކުންފުނި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

އާދަމް އާޒިމް މިހެން ވިދާޅުވީ، އެމްޓީސީސީގެ ޕްރޮޖެކްޓް ތަކާބެހޭ މައުލޫމާތު މީޑިއާތަކަށް ޙިއްޞާ ކުރައްވަމުންނެވެ. ހޯރަފުށީ އެއާޕޯޓްގައި ހުންނަވައިގެން އާޒިމް ވިދާޅުވީ، އެއަރޕޯޓުގެ 50 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ، ރަންވޭގައި ތާރު އެޅުމުގެ މަސައްކަތެވެ.

ހޯރަފުށީ އެއަރޕޯޓް ހަދަނީ ހޯރަފުށީގެ ފަޅުން ބައެއް ހިއްކައިގެންނެވެ. އަދި މިހާރު އެއަރޕޯޓު އަޅަން ބޭނުންވާ ބިމުގެ ސަރަހައްދު ހިއްކައި މުޅިން ނިމިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

ޖުމްލަ 198 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ގައެވެ. އަދި އެ މަސައްކަތް މިދިޔަ އަހަރު ފައްޓަވައި ދެއްވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހެވެ.