ޚަބަރު

ކޯވިޑް-19ގެ ނުރައްކާތެރިކަން އިތުރުވެ، ދުނިޔެ ބޮޑު ހާސްކަމެއްގެ ތެރޭގައި


ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ގެ ސަބަބުން ދަތުރުފަތުރުކުރުމަށް އަންނަނީ ތަފާތު ދަތިތައް ކުރިމަތިވަމުންނެވެ. ވައިރަހުގެ ނުރައްކާތެރިކަން އިތުރުވަމުންދިއުމުން ބައިނަލްއަޤުވާމީ ދަތުރުފަތުރުގެ ނިޒާމަށްވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ.

ފާއިތުވި ދެމަސް ދުވަހުގެ ތެރޭގައި ދުނިޔޭގެ ގިނަ ޤައުމުތަކަށް ފެތުރިފައިވާ ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމަށްވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ.
ވައިރަހުގެ ނުރައްކާތެރިކަން ދުނިޔޭގައި އޮތް މިންވަރަށް ބެލުމަށްފަހު ޞިއްޙީ ލަފާދޭ އިދާރާތަކުންވަނީ ކޮންމެހެން ދަތުރުކުރަން ޖެހިއްޖެ ޙާލަތެއްގައި މެނުވީ ދަތުރުނުކުރުމަށް އިލްތިމާސްކޮށްފައެވެ.

ކޯވިޑް-19ގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުނިތަކަށް 2020ވަނަ އަހަރު 63 ބިލިއަނާއި 113 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ގެއްލުން ލިބޭނެކަމަށް އިންޓަނެޝްނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން، އައިއޭޓީއޭއިން ވަނީ ލަފާކޮށްފައެވެ. ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުނިތަކުންވަނީ ޗައިނާގެ ގިނަ ސިޓީތަކަށް ދަތުރުކުރުން ހުއްޓާލާފައެވެ. މީގެ އިތުރުން ދެކުނުކޮރެޔާއާއި އިޓަލީވިލާތާއި އީރާނަށް ކުރާ ދަތުރުތައްވެސް މެދުކަނޑާލަން ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ގިނަ ކުންފުނިތަކުންވަނީ ނިންމާފައެވެ.

ކޯވިޑް-19ގެ ނުރައްކާތެރިކަން އިތުރުވަމުންދާތީ ގިނަ މީހުން އެއްތަނަކަށް އެއްވެގެން ކުރިއަށްގެންދާ ޙަރަކާތްތައްވެސް ހުއްޓާލަންވަނީ މަޖުބޫރުވެފައެވެ. އެގޮތުން ދުނިޔޭގެ ކުޅިވަރު އިދާރާތަކުން ގިނަ މުބާރާތްތަކެއް ފަސްކުރުމުގެ އިތުރުން ހިނގަމުންދާ މުބާރާތްތަކުގެ މެޗުތައްވެސްވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސަޢުދީ ޢަރަބިއްޔާއިންވަނީ މައްކާގައި ޢުމްރާގެ އަޅުކަން މިދުވަސްވަރު ކުރިއަށް ނުގެންދަން ނިންމާ ގެފުޅު ވަށައިގެން ޠަވާފުކުރަން އޮންނަ ސަރަޙައްދު ބަންދުކޮށްފަ. މިދުވަސްވަރު ސައުދީގެ ރައްޔިތުންވެސް ޢުމުރާވުންވަނީ މެދުކަނޑާލާފައެވެ. ޙަރަމްފުޅުގައި ނަމާދުކުރަން މިހާރު ހަމަޖެހިފައިވަނީ މިސްކިތުގެ ހިޔާކުރި ހިސާބުތަކުގައެވެ. ޢިޝާ ނަމާދުގެ ފަހުން ޙަރަމްފުޅު ބަންދުކުރުމަށްފަހު ފަތިސްނަމާދަށް ހުޅުވާގޮތަށްވަނީ ނިންމާފައެވެ.

ވައިރަހުގެ ނުރައްކާ އިތުރުވަމުންދާތީ ބައިނަލްއަޤްވާމީ މަހާސިންތާތައް ބޭއްވުން ހުއްޓާލުމުގެ އިތުރުން ދަތުރުވެރިންނަށް ލަފާދިނުމުގެ ގޮތުން ޤައުމުތަކުންދަނީ ބަޔާންތައް ނެރެމުންނެވެ. ވައިރަސް ފެތުރެމުންދާ ޤައުމުތަކުގެ ބޮޑެތި ރަށްތަކަށް ވަދެނުކުތުން މަނާކޮށް، ބައެއް ޤައުމުތަކުންދަނީ ވައިރަސް އުޅޭ އަވައްޓެރި ޤައުމުތަކުގެ ސަރަޙައްދީ ރޮނގު ބަންދުކުރަމުންނެވެ.

ޗައިނާގެ ވުހާން ސިޓީން އެންމެ ފުރަތަމަ ފެނުނު ކޯވިޑް-19 މިހާރުވަނީ ދުނިޔޭގެ 100އެއްހާ ޤައުމަށް ފެތުރިފައެވެ. އަދި 100،000އަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހި، 3،400އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބުނެފައިވަނީ ކޯވިޑް-19އަށް ވެކްސިނެއް އުފެދުއްމަށް 18 މަސް ދުވަސް ބޭނުންވާކަމަށެވެ.