ޚަބަރު

ކޯވިޑް-19- ސަމަރ އައިލަންޑަށްވެސް އަރާ ފޭބުން މަނާކޮށްފި


ސަމަރ އައިލަންޑް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ދެފަތުރުވެރިއަކު ކޯވިޑް-19ށް ޝައްކުކުރެވޭތީ އެރިޒޯޓަށް އަރާ ފޭބުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

އެޗްޕީއޭއިން ހާމަކުރައްވާފައިވާ ގޮތުގައި ސަމަރ އައިލަންޑް ރިސޯޓުގައި ކޯވިޑް-19 ށް ޝައްކުކުރެވިފައިވަނީ ފަރަންސޭސިވިލާތުގެ 2 ފަތުރުވެރިޔެކެވެ. މިދެމީހުން ކޯވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން މޮނިޓަރކުރުމަށާއި ޓެސްޓު ހެދުމަށް އެކަމަށް ކަނޑައެޅިފައިވާ މަރުކަޒަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ކޯވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ވ.ތިނަދުއާއި ޅ.އަތޮޅު ކުރެއްދޫ ރިސޯޓަކުން ފެނުމާ ގުޅިގެން އެ ދެރަށަށް އަރާ ފޭބުންވެސް ވަގުތީގޮތުންވަނީ މަނާކޮށްފައެވެ.

ވ. ތިނަދޫއިން ކަރަންޓީނުކޮށްފައިވަނީ އެރަށުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ތިން ޓުއަރިސްޓެކެވެ. އަދި ކުރެއްދޫން އިން ކަރަންޓީނުކޮށްފައިވަނީ ޑޮކްޓަރެކެވެ. މި ޑޮކްޓަރަކީ އެ ރަށުގައި ޗުއްޓީ ހޭދަކުރުމަށްފަހު އެންބުރި އިޓަލީއަށް ދިޔަ ފަތުރުވެރިޔަކު ކޯވިޑް-19 އަށް ޕޮޒިޓްވްވެފއިވާއިރު އޭނާއަށް ފަރުވާދިން ޑޮކްޓަރެވެ.

މިރަށްރަށަށް އަރާ ފޭބުން މަނާކޮށްފައިވަނީ ޝައްކުކުރެވޭ މީހަކު ފެނުމުން އަމަލު ކުރަން އޮންނަގޮތުގެ މަތިން ކަމަށާއި، އަރާ ފޭބުން މަނާކޮށްފައިވަނީ ކޯވިޑް 19އަށް ޝައްކުކުރެވިގެން ގެންދިޔަ މީހުންގެ ޓެސްޓްތަކުގެ ނަތީޖާ ލިބެންދެންކަމަށް ހެލްތު މިނިސްޓަރ ޢަބުދުﷲ އަމީން ވިދާޅުވިއެވެ.

ކޯވިޑް-19 ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށްޓަކައި ސަރުކާރުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އިޓަލީއިން ރާއްޖެއަށް އަންނަ ޑައިރެކްޓް އަދި ޓްރާންސިޓް ފްލައިޓްތައް ވަނީ މެދުކަނޑާލާފައެވެ. އަދި މި ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާއާއި ދެން މިވައިރަސް އެންމެ ގިނައިން ފެނިފައިވާ ދެކުނު ކޮރެއާ އާއި އީރާނުގެ ބައެއް ސަރަހައްދުތަކުން ދިވެހިން ފިޔަވައި އެހެން ބަޔަކަށް ރާއްޖެ އެތެރެ ނުވެވޭގޮތްވެސް ސަރުކާރުން ވަނީ ހަދާފައެވެ.

މީގެ އިތުރުން ވައިގެ މަގުންނާއި ކަނޑުމަގުން ރާއްޖެ އެތެރެވާ މީހުން ސްކްރީން ކުރުމާއި، ކޯވިޑް-19ގެ ކޭސްއެއް ފެނިއްޖެ ހާލަތެއްގައި އެކަމަށް އެކަށީގެންވާ ފަރުވާދެވޭނެ އިންތިޒާމު ރާއްޖޭގައި މިހާރުވަނީ ހަމަޖައްސާފައެވެ. އަދި ކޯވިޑް-19 ށް ޓެސްޓުކުރެވޭނެ ކިޓް ތަކާއި، ފަރުވާދޭނެ ޚާއްސަ އައިސީޔޫއެއް އައިޖީއެމްއެޗްގައި ވަނީ މިހާރު ޤާއިމްކޮށްފައެވެ.