ސިއްހަތު

ށ.އަތޮޅު ހޮސްޕިޓަލް އައު ޢިމާރާތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާނަން - މިނިސްޓަރ އަމީން


ށ.އަތޮޅު ހޮސްޕިޓަލު އައު ޢިމާރާތަކަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިސަރުކާރުން ކުރައްވާނެކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަމީން މިހެން ވިދާޅުވީ، ށ.އަތޮޅު ހޮސްޕިޓަލުގައި ޑެންޓަލް ޑިޕާޓްމަންޓެއް ޤާއިމުކޮށް ދަތުގެ ފަރުވާދިނުން ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ށ.އަތޮޅު ހޮސްޕިޓަލުގައި ދަތުގެ ފަރުވާ އަލަށް ދިނުން އިފްތިތާޙްކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ، ށ.އަތޮޅު ހޮސްޕިޓަލަކީ ރާއްޖޭގެ ނިސްބަތުން އެންމެ ގިނައިން މީހުން ޚިދުމަތް ހޯދުމަށް އަންނަށް އެއް ހޮސްޕިޓަލުކަމަށެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި ށ.އަތޮޅު ހިމެނޭ ސަރަޙައްދަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ށ.އަތޮޅު ހޮސްޕިޓަލުން ކުރިއެރުންތަކެއް ހޯދާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޞިއްޙީ ޚިދުމަތަކީވެސް ލާމަރުކަޒު ކުރެވިގެން ޢާއްމު ރައްޔިތުންނާ ވީހާވެސް ގާތުންދެވޭ ޚިދުމަތަކަށް ހެދުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތުކަން ފާހަގަކުރައްވައި މިނިސްޓަރ އަމީން ވިދާޅުވީ، ރާއްޖޭގެ އެހެން ބައެއް ހޮސްޕިޓަލްތަކެކޭ އެއްފަދައިން ށ.އަތޮޅު ހޮސްޕިޓަލަށް ބޭނުންވާ އިތުރު ޚިދުމަތްތައް ތަޢާރަފުކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށެވެ.

އެކަމަށް ހައްލެއް ގެނެއުމުގެގޮތުން ހޮސްޕިޓަލުގެ ޢިމާރާތައް ގެނެވެން ހުރި ބަދަލުތަކަކީ ކޮބައިތޯ ބަލައި، އައު އިމާރާތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

"މިހާރު މިހޮސްޕިޓަލުގެ ޖާގައިގެ އިންތިޒާމްތައް ހުރިގޮތުން ފުރިހަމަކުރަންޖެހޭ ވަސީލަތްތައް އަދި ފުޅާކުރަންޖެހޭ ޚިދުމަތްތައް ފުޅާކުރުމަށް ގޮންޖެހުންތައް އެބަހުރި. އެހެންވީމަ އަޅުގަނޑު ހަޤީޤަތުގައިވެސް ވަރަށް ބޮޑަށް މަސައްކަތްކުރާނަން މި ހޮސްޕިޓަލް އައު އިމާރާތަކަށް ބަދަލުކުރުމަށްކުރަންޖެހޭ މަސައްކަތްތައް ކުރުމަށް. އަޅުގަނޑު ޤަބޫލުކުރާގޮތުގައި އެފަދަ ބަދަލުތަކާއެކީގައި ޞިއްޙީ ޚިދުމަތް ކުރިއަރާނީ" މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވިއެވެ.

އަތޮޅު ތަކުގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތްކުރައްވާ ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ، ދަތުގެ ފަރުވާއަކީ ނިސްބަތުން އެންމެ ގިނައިން އަތޮޅުތެރެއިން މީހުން މާލެއަށް ފަރުވާ ހޯދުމަށް އަންނަ އެއް ސަބަބުކަމަށާއި، ދަތުގެ ޑޮކްޓަރަކަށް ދެއްކުމަކީ ވަރަށް ތަކުލީފު ބޮޑު ކަމެއްކަމަށެވެ. އެހެންކަމުން މި ޚިދުމަތް މިވަގުތު އަތޮޅު ތެރޭގައި ލިބެން ނެތްތަނަށް ތަޢާރަފުކުރެވިގެން ދިއުމާއެކު އާއްމުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

"މިއަދު މި ޤާއިމުކުރެވޭ ދަތުގެ ފަރުވާގެ ނިޒާމަކީ ދަތުގެ ޒަމާނީ ފަރުވާ ފޯރުކޮށްދެވޭނެ ނިޒާމެއް. އަދި ދަތުގެ ފަރުވާގެ އެކިއެކި ޚިދުމަތްތައް މިތަނުން ލިބިގެންދާނެ. އާދެ ޚިދުމަތް ފުޅާކޮށް ޚިދުމަތް ތަރައްޤީކޮށް، ޚިދުމަތް އަވަސްކޮށް އަދި ރައްޔިތުން އެދޭ ފެންވަރުގެ ޚިދުމަތަކަށް ހެދުމަށްޓަކާ ކުރަންޖެހޭ މަސައްކަތް އަޅުގަނޑުމެން ކުރާނަން" މިނިސްޓަރ އަމީން ވިދާޅުވިއެވެ.

ށ. އަތޮޅު ހޮސްޕިޓަލުގައި މުޅިން އަލަށް ޤާއިމުކުރި ޑެންޓަލް ޑިޕާޓްމަންޓަކީ ދަތުގެ ފަރުވާއަށް ޚާއްސަކޮށްގެން ބޭނުންކުރާ އެންމެފަހުގެ އާލާތްތަކާއެކު ޤާއިމުކޮށްފައިވާ ތަނެކެވެ. އެގޮތުން އެތަނަށް ބޭނުންވާ ސާމާނު ހަދިޔާކޮށްފައިވަނީ ޖަޕާން ސަރުކާރުންކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. އަލަށް ފެށިގެން މިދިޔަ ޚިދުމަތާއެކު ށ.އަތޮޅުގެ އިތުރުން ނ.އަތޮޅުގެ ރައްޔިތުންނަށާއި، ރިސޯޓުތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށްވެސް މިސަރަޙައްދުން ދަތުގެ ފަރުވާ ހޯދުމަށް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.