ފޮރިން މިނިސްޓަރ، ޢަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ބްރޫނާއީ ދާރުއްސަލާމަށް ފުރާވަޑައިގެންފިއެވެ.
މިއީ ވޭތުވެދިޔަ 21 އަހަރުގެ ތެރޭގައި ރާއްޖޭގެ ވަޒީރަކުވެސް އަދި މަތީފަންތީގެ ބޭފުޅަކު ރަސްމީ ދަތުރުފުޅެއްގައި ބުރޫނާއީއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ބްރޫނާއީގެ ރަސްގެފާނު ސުލްޠާން ޙަސަނުލް ބޮލްޤިޢާ މުޢިއްޒުއްދީން ވައްދައުލާގެ އަރިހަށް، މިނިސްޓަރ ޝާހިދު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. މީގެ އިތުރުން ބްރޫނާއީގެ ފޮރިން މިނިސްޓަރ ދޭއް، ދާތޯ ޕެކަރިމާ ޖާޔާ ހާޖީ މުޙައްމަދު ޔޫސުފް އާއި، އެޑިއުކޭޝަން މިނިސްޓަރ ދާތޯ ސްރީ ސެތީ އަވަން ހާޖީ ހަމްޒާ ބިން ހާޖީ ސުލައިމާން އަދި ހެލްތު މިނިސްޓަރ ޑރ. ހާޖީ މުޙައްމަދު އިޝާމް ބިން ހާޖީ ޖަފާރް އާއި ބައްދަލުކުރައްވާނެއެވެ.
މި ބައްދަލުކުރެއްވުންތަކުގައި ދެ ޤައުމުގެ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމާއި، އިޖްތިމާއީ އަދި އިޤްތިޞާދީ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.
ބްރޫނާއީއަކީ ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމެކެވެ. އެގޮތުން މާލޭ އިސްލާމީ މަރުކަޒު ބިނާކުރުމަށްވެސް ބްރޫނާއީން 3 މިލިއަން ޑޮލަރުގެ އެހީ ދީފައިވެއެވެ.
ރާއްޖެއާއި ބްރޫނާއީއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 31 މާޗް 1984 ގައެވެ. ނަމަވެސް 1999 ވަނަ އަހަރުން ފެށިގެން ރާއްޖެ-ބްރޫނާއީ ގުޅުމަށް ދޭން ޖެހޭ މިންވަރަށް އަޅާލުން ދެވިފައެއް ނުވާކަން ފޮރިން މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މިދިޔަ 21 އަހަރުގެ ތެރޭގައި ދެޤައުމުގެ މަތީ ފަންތީގެ އެއްވެސް ބޭފުޅަކު އެއް ޤައުމުން އަނެއް ޤައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައި ނުވާކަން އެ މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.
ބްރޫނާއީ ދާރުއްސަލާމަކީ އަކީ މަދުން ނަމަވެސް ދިވެހިން މަތީ ތަޢުލީމު ހާސިލްކުރަމުންދާ ޤައުމެކެވެ. އެގޮތުން މިހާރުވެސް ދިވެހި 5 ދަރިވަރަކު އެ ޤައުމުގައި ކިޔަމުންދެއެވެ. މިނިސްޓަރ ޝާހިދުގެ މި ދަތުރުފުޅުގައި ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕްގެ އިތުރު ފުުރުސަތުތައް ބުރޫނާއި ހޯދުމާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރައްވާނެއެވެ.
ދިވެހިރާއްޖެއާ ބްރޫނާއީ އަކީވެސް ކޮމަންވެލްތާއި އޯ.އައި.ސީގެ މެމްބަރު ދެ ޤައުމެވެ.