ޚަބަރު

އައްސޭރި ޖަލުގައި ހިނގި ހަމަނުޖެހުމެއްގައި ޖަލު ބަލަހައްޓާ 3 އޮފިސަރަކަށް އަނިޔާވެއްޖެ


ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ރޭ ހިނގި ހަމަނުޖެހުމެއްގައި ޖަލުބަލަހައްޓާ 3 އޮފިސަރަކަށް އަނިޔާވެފައިވާކަމަށް ކަރެކްޝަނަލް ސަރވިސުން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސުން ވިދާޅުވީ އައްސޭރި ޖަލުގައި ޤައިދީއަކު މަނާ އެއްޗެއް ގެންގުޅޭކަން ފާހަގަ ކުރެވިގެން ޖަލު އޮފިސަރުން އޭތި ނެގުމަށް މަސައްކަތް ކުރުމުން ބައެއް އެހެން ގައިދީން ބައިވެރިވެގެން އައްސޭރި ޖަލުގައި ރޭ ހަމަނުޖެހުމެއް ހިންގާފައިވާކަމަށެވެ. މިހާދިސާގައި ޖަލު ބަލަހައްޓާ 3 އޮފިސަރަކަށް އެކިވަރުގެ އަނިޔާވެފައިވާކަމަށްވެސް އެސަރވިސުން ވިދާޅުވިއެވެ.

ކުދި މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުން ބަންދުކޮށްފައި ބަހައްޓާ އައްސޭރި ޖަލުގައި ހިނގި މި ހާދިސާ ލަސްތަކެއްނުވެ ކޮންޓްރޯލްކޮށް އާންމުހާލަތަކަށް ގެނެވުނު ކަމަށާ، މިކަމާއި ގުޅިގެން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ކަރެކްޝަނަލް ސަރވިސުން ވިދާޅުވިއެވެ.

މާފުށީ ޖަލަށް މަނާތަކެތި ވައްދާ މައްސަލަތައް ހައްލުކުރުމަށްޓަކައި މިއަހަރުގެ ކުރީކޮޅު އެޖަލުގައި ޚާއްސަ އިންތިޒާމަކާއެކު މަސައްކަތްތައް ފެށުމުން އެޖަލުގައި ތިބި ޤައިދީންތަކެއްވެސް ހަމަނުޖެހުން ހިންގިކަމަށްވެސް ކަރެކްޝަނަލް ސަރވިސުން ވަނީ ހާމަކޮށްފައެވެ.

ސަރުކާރުގެ ކަމާގުޅުންހުރި ފަރާތްތައް ގުޅިގެން ޖަލުތަކުގެ ކަންކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ޖަލުތަކަށް މަނާތަކެތި ވެއްދުން ހުއްޓުވުމާއި، ޖަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ހިންމަފުށީގައި ހުންނަ އައްސޭރި ޖަލު ހިމެނޭހެން ޖުމަލަ 4 ޖަލެއް ދަނީ ބަލަހައްޓަމުންނެވެ.