ގދ. މާވަރުލުގައި ތަރައްޤީކުރަމުންދާ އެއަރޕޯޓުގެ މަސައްކަތް އަންނަ ހަފްތާގައި އެއްކޮށް ނިންމާލެވޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ބުނެފިއެވެ.
މާވަރުލު އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 2018 ވަނަ އަހަރުގެ މާޗް މަހުގައެވެ. އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ އެއަރޕޯޓްގެ ރަންވޭ ހެދުމާއި ޓެކްސީވޭ އަދި ފްލައިޓްތައް ޕާކުކުރާ އޭޕްރަން ހެދުމަށެވެ. ސަރުކާރުން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 57 މިލިއަން ރުފިޔާއަށެވެ.
ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިހާރު އެކުންފުނިން ތަރައްޤީކުރަމުންދާ އެއަރޕޯޓުތަކުގެ ތެރެއިން އެންމެ އަވަހަށް ނިންމާލެވޭނީ މާވާރުލު އެއަރޕޯޓުކަމަށެވެ.
މިމަހުގެ 10 ވަނަ ދުވަހު އެއަރޕޯޓުގެ މަސައްކަތް ނިންމާލެވޭއިރު މިއީ އެއަރޕޯޓުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާވަލަށް ވުރެ އަވަސް ތާރީޚެއްކަން އާޒިމް ވަނީ ފާހަގަކުރައްވާފައެވެ.
"އަޅުގަނޑުމެން ޓާގެޓްކުރަނީ މާވަރުލު އެއަރޕޯޓް މިމަހުގެ 10 ވަނަ ދުވަހަށް ނިންމަން. އެއީ އަޅުގަނޑުމެން މި މަސައްކަތް ނިންމަން ހިފި ޓާގެޓަށް ވުރެ ވެސް ކުރިން." އާދަމް އާޒިމް ވިދާޅުވިއެވެ.
ގދ. މާވަރުލު އެއަރޕޯޓުގެ މަސައްކަތް ނިންމާ މިމަހު އެއަރޕޯޓު ހުޅުވާނެކަމަށް މީގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީން ވެސް ވަނީ ވިދާޅުވެފައެވެ. އަދި އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާއިރު، އެއަރޕޯޓަށް ބޭނުންވާ މުވައްޒަފުން ނެގުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ވިދާޅުވެފައެވެ.
މާވަރުލު އެއަރޕޯޓް މަޝްރޫއަކީ 2011 ވަނަ އަހަރުވެސް ކުރިއަށްގެންދިއުމަށް ނިންމާފައި އޮތް މަޝްރޫޢުއެކެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާހުރެ މަސައްކަތް ހަވާލުކުރި ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އުވާލުމަށްފަހު، ދިގު މުއްދަތެއް ވަންދެން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.
މާވަރުލުގައި އެއަރޕޯޓް ހެދުމުގެ މަސައްކަތް އަލުން ފަށާފައިވަނީ 2018 ވަނަ އަހަރުގެ މެދުތެރޭގައި، މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީއާއި ހަވާލުކޮށްގެންނެވެ.
އެކުންފުނިން މި އެއަރޕޯޓު ތަރައްޤީކުރަނީ 1200 މީޓަރުގެ ދިގު ރަންވޭއަކާއެކުގައެވެ. މިއީ އެތެރޭގެ އުދުހުންތަކަށް ޚާއްޞަކޮށްގެން ތަރައްޤިކުރާ އެއަރޕޯޓެކެވެ.