ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް 2 ބިލިއަން ރުފިޔާގެ އަގުހުރި މަޝްރުޢޫތައް އެމްޓީސީސީން ކުރިއަށް ގެންދާކަމަށް އެކުންފުނިން ހާމާކުރައްވައިފިއެވެ.
އެކުންފުނިން މިކަން ހާމަކުރައްވާފައިވަނީ ހދ.އަތޮޅާއި ހއ.އަތޮޅުގައި އެކުންފުނިން ކުރިއަށްގެންދާ ބައެއް މަޝްރުޢުތައް ހިނގަމުންދާގޮތް ބަލާލުމަށް އެކުންފުނީގެ އިސްވެރިން ކުރެއްވި ދަތުރުގެ ތެރެއިންނެވެ. މި ދަތުރުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެމްޓީސީސީގެ އިސް ބޭފުޅުންވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ދަތުރުގައި ތިލަދުންމަތީގެ 4 ރަށެއްގައި ކުރިއަށްގެންދާ 5 މަޝްރޫއެއް ހިނގަމުންދާ ސައިޓުތަކަށް ޒިޔާރަތްކުރައްވައި އެމްޓީސީސީގެ އިސްވެރިން ވަނީ އެތަންތަނުގެ މަސައްކަތް ހިނގަމުންދާގޮތް ބައްލަވާލައްވާފައެވެ.
އެގޮތުން ހދ.ހަނިމާދޫ، ކުޅުދުއްފުށި، ހއ.ކެލާ އަދި ހޯރަފުށީގައި ކުރިއަށްދާ އެމްޓީސީސީގެ މަޝްރޫޢުތައް ކުރިއަށްދާގޮތް އެބޭފުޅުން ބައްލަވާލައްވާފައިވެއެވެ.
މި މަޝްރުޢުތަކާ ބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ރާއްޖޭގެ 39 ރަށެއްގައި އެކުންފުނީގެ އެކި މަޝްރުޢޫތައް މިހާރުވެސް ކުރިއަށްދާކަމަށެވެ. އާޒިމް ވިދާޅުވީ މިމަޝްރުޢުތަކުގެ އަގު 2 ބިލިއަން ޑޮލަރަށް އަރާކަމަށާ އެމްޓީސީސީގެ އަމާޒަކީ ކުންފުނީގެ ވަޞީލަތްތައް ބޭނުންކޮށްގެން މި މަޝްރުޢޫތައް އަވަހަށް ނިންމުންކަމަށެވެ.
"އެމްޓީސީސީގައި އެބަހުރި 2 ބިލިއަނެއްހައި ރުފިޔާގެ އަގު ބޮޑު މަޝްރުޢޫތަކެއް. އެ ޢަދަދަކީ އެމްޓީސީސީގެ ހުރި ރިސޯސަސްތަކާއި އެމްޓީސީސީގެ ތަޖުރިބާކާރުންނާއި އިކިއުމްމަންޓްސް ލައިގެން ނުކުރެވޭނެ މަސައްކަތެއް ނޫން." އާޒިމް ވިދާޅުވިއެވެ.
ހަނިމާދޫގައި، 2 މަޝްރުޢޫއެއްގެ މަސައްކަތް، އެމްޓީސީސީން ދަނީ ކުރަމުންނެވެ.
އެއީ ހަނިމާދޫ ބަނދަރު ތަރައްޤީކުރުމާއި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ ޕްރޮޖެކްޓެވެ. ހަނިމާދޫ މަގުހެދުމުގެ މަސައްކަތްތަކާއި އެމްޓީސީސީން ޙަވާލުވެފައިވަނީ 2019ވަނަ އަހަރުއެވެ.
މި މަސައްކަތުގެ ދަށުން ހަނިމާދޫގެ 20 މަގެއްގައި ތާރު އަޅައި މަގުތަކުގައި ފެން ހިންދާ ނިޒާމް ޤާއިމްކުރުމާއި ދުވާރު ހެދުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އެމްޓީސީސީން ވިދާޅުވީ މިމަސައްކަތުގެ %38 މިހާރު ނިމިފައިވާކަމަށާ ހަނިމާދޫ މަގު ހެދުމުގެ މަޝްރޫޢު މިއަހަރުގެ ތެރޭ ނިންމާލެވޭނެކަމަށެވެ.
ހަނިމާދޫ ބަނދަރު ހެދުމުގެ މަސައްކަތް ނިންމަން ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ މެދުތެރެއަށެވެ. އެމްޓީސީސީން މިހާރުދަނީ މިކަމަށް ބޭނުންވާ އީއައިއޭ ރިޕޯޓް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
ކެލާގައި ތަރައްޤީކޮށްފައިވާ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމާއި އެމްޓީސީސީން ހަވާލުވެފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ.
16 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މިމަޝްރުޢޫގެ ދަށުން މިހާރު ކުރިއަށްދަނީ ބަނދަރުގެ ޕޭވްމަންޓް ހެދުމާއި ބަނދަރުގައި ލައިޓް ހަރުކުރުމުގެ މަސައްކަތެވެ.
މި މަސައްކަތުގެ %52 މިހާރު ނިމިފައިވާއިރު މިއަހަރުގެ ތެރޭ މިބަނދަރު އެއްކޮށް ބޭނުންކުރެވޭނެކަމަށް އެމްޓީސީސީން ބުނެއެވެ.
ހއ. ހޯރަފުށީ އެއަރޕޯޓް ތަރައްޤީކުރުމަށް 198 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ އެއަރޕޯޓުގެ ރަންވޭ އެޅުމުގެ މަސައްކަތެވެ.
މި އެއަރޕޯޓުގައި ތަރައްޤީކުރާ ރަންވޭ ތަރައްޤީކޮށް ނިމޭއިރު މި ރަންވޭގައި 37،425 އަކަމީޓަރު ހުންނާނެކަމަށް އެމްޓީސީސީން ބުނެއެވެ. ހޯރަފުށީ އެއަރޕޯޓުގެ ރަންވޭގެ މަސައްކަތުގެ %52 މިހާރު ނިމިފައިވާއިރު މިއަހަރު ނިމެންވާއިރަށް އެއަރޕޯޓުގެ ރަންވޭ ތަރައްޤީކޮށް ނިމޭނެކަމަށް އެމްޓީސީސީން ބުނެއެވެ.
ހދ.ކުޅުދުއްފުށީގައި ތަރައްޤީކުރާ ބަނދަރަކީ ރާއްޖޭގެ ރަށެއްގައި މިހާތަނަށް ތަރައްޤީކުރާ އެންމެ ބޮޑު އަދި ތަފާތު ބަނދަރެވެ. 126 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ ދަށުން ބަނދަރެއްގެ އިތުރުން މަސްމާރުކޭޓަކާއި ފެރީ ޓަރމިނަލަކާއި "ފްލޯޓިންގ ޕޮންޓޫން" ނުވަތަ ފެންމަތީގައި ފާލަމެއް ތަރައްޤީކުރާނެއެވެ.
މީގެ އިތުރުން ބަނދަރާއެކު މޫދަށް އެރޭ ސަރަހައްދެއްގެގޮތުގައި ގޮނޑުދޮށެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން ދަނީ ކުރަމުންނެވެ. އެމްޓީސީސީން ބުނީ މި މަޝްރުޢޫގެ މަސައްކަތް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އެކުންފުނީގެ މަސައްކަތް މައިގަނޑު ގޮތެއްގައި ބިނާވެފައި އޮންނަނީ ކޮންސްޓަރްކްޝަން ދާއިރާއަށްކަމަށެވެ. އާޒިމް ވަނީ މިދަރާއިން ޓެކްނިކަލް މުވައްޒަފުން ކުންފުންޏަށް ނުލިބޭކަމަށް ފާހަގަކުރައްވާފައެވެ.
ސީއީއޯ އާޒިމް ވިދާޅުވީ މިހާރުވެސް ކުންފުނިން 200އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވާލާފައިވާކަމަށާއި ކުރިއަށްއޮތް ތަނުގައި އިތުރު 150 ވަޒީފާގެ ފުރުސަތު ހުޅުވާލާނެކަމަށެވެ.
އާޒިމް ވިދާޅުވީ މުވައްޒަފުން ލިބުމުގައި ދަތިތަކެއް ހުރިނަމަވެސް މިއަހަރުގެތެރޭ އެމްޓީސީސީން ނިންމުމަށް އާމާޒުހިފާފައިވާ ބޮޑެތި މަޝްރުޢުތައް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމާލެވޭނެކަމުގެ ޔަޤީންކަން ދީފައެވެ.