ޚަބަރު

ލުފްތަންސާގެ 150 މަތިންދާބޯޓެއްގެ ދަތުރުތައް މެދުކަނޑާލައިފި


ޖަރުމަނުވިލާތުގެ ލުފްތަންސާ އެއާލައިނުގެ ސަތޭކަ ފަންސާސް މަތިންދާބޯޓެއްގެ ދަތުރުތައް މެދުކަނޑާލައިފިއެވެ.

700އަށްވުރެ ގިނަ މަތިންދާބޯޓު ބޭނުންކުރާ ލުފްތަންސާއިން ބައެއް ދަތުރުތައް ހުއްޓާލައިފާވަނީ ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19ގެ ސަބަބުންނެވެ. ދަތުރުކުރުން ހުއްޓާލި ބޯޓުތަކުގެ ތެރެއިން 25 ބޯޓަކީ ދުރު ރާސްތާތަކަށް ދަތުރުކުރާ ޚާއްޞަ ބޯޓުތަކެކެވެ.

ލުފްތަންސާއިން ބުނީ ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ޙާލަތާ އެއްގޮތަށް އެކުންފުނީގެ ހިންގުމަށް ބަދަލުގެންނަމުންދާކަމަށެވެ. ލުފްތަންސާއިން ބުނީ ޗައިނާއަށްކުރާ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލާފައިވާ މުއްދަތު އޭޕްރިލް 24އަށް އިތުރުކޮށްފައިވާކަމަށެވެ. އަދި އީރާނުގެ ތެހްރާނަށް އޭޕްރިލް ތިރީހުގެ ކުރިން ދަތުރު ނުކުރާނެކަމަށް އެކުންފުނިން ބުނެއެވެ. އޭގެ އިތުރުން އިޓަލީވިލާތުގެ އުތުރުގެ ސަރަޙައްދުތަކަށް ކުރާ ދަތުރުތައް މަދުކޮށްފައިވާކަމަށްވެސް އެކުންފުނިން ބުނެއެވެ. އެތިން ޤައުމަކީވެސް ވައިރަސް މިހާރު އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ތިން ޤައުމެވެ.

ލުފްތަންސާއިން އެޅި ފިޔަވަޅުގެ ސަބަބުން ބޮޑެތި މާލީ ގެއްލުންތަކެއް ލިބޭނެކަމަށް ބެލެވެއެވެ. ނަމަވެސް ވިޔަފާރިއަށް ވަމުންދާ ގެއްލުން ހިސާބުކުރަން އަދި އަވަސްކަމަށް އެކުންފުނިން ބުނެއެވެ.

ވައިރަހުގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ވިޔަފާރިތަކަށް ކުރާ ނޭދެވޭ އަސަރާއި ލިބޭ ގެއްލުން ކުރިއަށްއޮތްތަނުގައި ވަރަށް ބޮޑަށް އިތުރުވާނެކަމަށް ވިލާތުގެ އިއްތިޙާދުގެ ބޮޑެތި އެއަރލައިންތަކުން ލަފާކުރެއެވެ.