ޚަބަރު

ތިން މިސްކިތެއް މަރާމާތުކުރުމަށް މިސްކިތު ފަންޑުން ސިޓީ ކައުންސިލަށް އެއް މިލިއަން ރުފިޔާ ދީފި


ތިން މިސްކިތެއްގެ އައު ބާތުރަފިލުވައި، މަރާމާތުގެ މަސައްކަތްތައް ކުރުމަށް އިސްލާމިކް މިނިސްޓްރީއިން ސިޓީ ކައުންސިލަށް އެއް މިލިއަން ރުފިޔާ ދީފިއެވެ.

ފައިސާ ދިނުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ.އަޙްމަދު ޒާހިރުއެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ޝަރީފެވެ.

އެއްބަސްވުމުގެދަށުން މަރާމާތުކުރުމަށް ހަމަޖެހިފައި ވަނީ ޝަޙީދު އަލީ މިސްކިތާއި، ފުރުޤާން މިސްކިތާއި އަދި ހުޅުމާލޭގައި ހުންނަ ހަމަދް ބިން އަލް ޡާނީ މިސްކިތެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވީ މި ފައިސާއަކީ މިސްކިތު ފަންޑުން ސިޓީ ކައުންސިލަށް ދިން އެއް މިލިއަން ރުފިޔާ ކަމަށެވެ. އަދި ކުރިއަށް އޮތީ ރޯދަމަސްކަމުން، ރޯދައިގެ ކުރިން މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތްތައް ނިންމުމަށް މަސައްކަތް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިސްކިތްތަކުގައި ގިނަ މަރާމާތުތައް ކުރަން އެބަހުރި. މިކަންކަމާއި ގުޅޭ ޝަކުވާތައްވެސް އެބައާދޭ. އެއް މިލިއަން ރުފިޔާ މިދެނީ މިކަންކަން ވީހާވެސް އަވަހަށް ޙައްލުކުރަން. ރޯދަމަސް އޮތީ ކުރިއަށް. މާރާމާތުތައް ނިމުމުން އާއްމުންގެ ޝަކުވާއަށް ޙައްލު ލިބޭނީ." މިނިސްޓަރ ވިދާޅުވިއެވެ.

މިސްކިތްތަކުގައި ކުރިއަށްގެންދިއުމަށްހުރި މަރާމާތުތަކުގެ ތެރޭގައި ޝީޓުގެ މަސައްކަތާއި ފެންވައިރުކުރުމާއި ގުޅުންހުރި މަސައްކަތްތައް ހިމެނެއެވެ.

އިސްލާމިކް މިނިސްޓްރީއިން މިދިޔައަހަރުވަނީ މާލޭގެ މިސްކިތްތަކާއި ގަބުރަސްތާނުތައް ބެލެހެއްޓުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލާއި ހަވާލުކޮށްފައެވެ. މި މަސައްކަތްތައް ބެލެހެއްޓުމަށް ސިޓީ ކައުންސިލުންވަނީ ޚާއްސަ ކޮމިޓީއެއްވެސް އެކުލަވާލާފައެވެ.