ޚަބަރު

ނަން އަނބުރާ ގެންދިއުމުގެ ފުރުސަތެއް ދެން ނޯންނާނެ: އީސީ


އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލައިފިއެވެ.

ކެމްޕެއިން ކުރުމުގެ ފުރުސަތު ހުޅުވާލާފައި މިވަނީ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ގުރުއަތުނެގުން ނިމުމާއެކުގައެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެންނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަކުރުމަށް ޖުމަލް 4247 ކެނޑިޑޭޓުން ކުރިމަތިލާފައިވާއިރު، ބައެއް ދާއިރާތަކަށް އިންތިޚާބުކުރާ އަދަދަށް ކުރިމަތިލީ ބައެއް ކެނޑޭޓުން އިންތިޚާބަކާއި ނުލައި ހޮވުނުކަން އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ ރަސްމީކޮށް ހާމަކޮށްފައެވެ.

ގުރުއަތުލައި ނަންތަރުތީބު ކުރުމާއެކު މިހާރު އެއްވެސް ކެނޑިޑޭޓަކަށް އެ ކެނޑިޑޭޓެއްގެ ނަން އަންބުރާ ގެންދިއުމުގެ ފުރުސަތުވަނީ ބަންދުވެފައެވެ. އިލެކްޝަސްނ ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ، އިންތިޚާބުތަކަށް ވާދަކުރުމުގެ މުއްދަތުގައި ކުރިމަތިލީ މީހުންގެ ތެރެއިން ގުރުއަތު ނެގުމާއި ހަމައަށް ދެ އިންތިޚާބުގައި ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން، އެކި ސަބަބުތަކާއި ހެދި 9 ކެނޑިޑޭޓަކު ނަން އަނބުރާ ގެންދިޔަކަމަށެވެ.

ޤާނޫނުގައިވާ ގޮތުން ދެން އެއްވެސް ކެނޑިޑޭޓަކަށް ނަން އަންބުރާ ނުގެންދެވުނު ނަމަވެސް ވޯޓު ކަރުދާސް ޗާޕްކުރުމުގެ ކުރިން އިންތިޚާބުގައި އިތުރަށް ކުރިއަށްދާން ބޭނުން ނުވާކަން ލިއުމުން އަންގައިފިނަމަ އެކެނޑިޑޭޓެއްގެ ނަން ވޯޓު ކަރުދާހުގައި ނޯންނާނެކަމަށް ޝަރީފު ވިދާޅުވިއެވެ.

"ޤާނޫނު އޮންނަ ގޮތުން ދެން އެއްވެސް ކެނޑިޭޓަކަށް ނަން އަނބުރާ ނުގެންދެވޭނެ. އަދި ވޯޓު ކަރުދާސް ޗާޕުކުރާއިރު ލިޔުމުން ނަމަވެސް ވޯޓުގައި ބައިވެރި ވާން ބޭޏުންނުވާ މީހަކު އަންގާފަ ނުވަންނަމަ އެމީހެއްގެ ނަންވެސް ވޯޓު ކަރުދާހުގައި އޮންނާނެ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ޕްރިންޓް ކުރުމުގެ ކުރިން އަންގައިފިއްޔާ ކަރުދާހުގައި ނަން ނޯންނާނެ ވޯޓުލާ ދުވަހު" ޝަރީފް ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެންނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ކެމްޕެއިން ކުރުމުގެ ފުރުސަތު އޭޕްރީލް 3 ވާ ހުކުރުދުވަހުގެ އިރުއޮއްސި ހަޔަކާހަމައަސް ހުޅުވާލާއިރު، ހުރިހާ ކެނޑިޑޭޓުންނާއި، ޕާޓީތަކުންވެސް ކެމްޕެއިން ކުރުމުގައި އޮންނަ އުސޫލުތަކާއި އެއްގޮތަށް ޤާނޫނާއި ޚިލާފު ނުވުމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވަނީ ގޮވާލައްވާފައެވެ.

"މިހާރު ކެމްޕެއިންގެ ތެރޭގައި ޕޯޑިއަމެއްގައި ދައްކާ ވާހަކައަކުންވެސް ތިބޭފުޅުންނަށް ވަރަށް އުނދަގޫ ހާލަތެއް މެދުވެރިވެދާނެ. އެހެންވީމަ އެކަންކަމަށް ސަމާލުކަން ދީގެން އެހެން ކެނޑިޑޭޓުންނަށްވެސް އިޙްތިރާމްކޮށް ވީހާވެސް އަމާންކޮށް ކެމްޕެއިންގެ ކަންކަން ކުރިއަށްގެންދިއުމަކީ މުހިއްމުކަމެއް" އީސީގެ ރައީސް ވިދާޅުވިއެވެ.

ކައުންސިލް އިންތިޚާބުގައި 545 ވަރަކަށް ވޯޓު ފޮށި ބަހައްޓާނެކަމަށް އީސީން ވިދާޅުވެފައި ވާއިރު، ވޯޓުފޮށިތަކުގެ ސީދާ އަދަދު ކަށަވަރުވާނީ ރީރަޖިސްޓްރޭޝަންގެ ހުރިހާ މަރުހަލާއެއް ނިމުމުންނެވެ.

ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީތަކަށް ޖުމްލަ 4247 ކެނޑިޑޭޓުން ކުރިމަތިލާފައިވާއިރު، ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހާއެކު ޖުމްލަ 980 ކައުންސިލަރުން މިފަހަރު އެކި ކައުންސިލްތަކަށް އިންތިޚާބުވާނެއެވެ.

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި 269562 މީހަކަށް ވޯޓުދިނުމުގެ ޙައްޤު ލިބިގެންވެއެވެ.