ޚަބަރު

މިއީ މިނިމަމް ވޭޖް ކަނޑައަޅައި އަމަލުކުރަން ފެށުމަށް އެންމެ ރަނގަޅު ދުވަސްވަރެއް ނޫން: ވޭޖް ބޯޑު


މިއީ މިނިމަމް ވޭޖް ކަނޑައަޅައި އަމަލުކުރަން ފެށުމަށް އެންމެ ރަނގަޅު ދުވަސްވަރެއް ނޫންކަމަށް މުސާރަ އާއި އުޖޫރަ އާއި ގުޅޭގޮތުން ލަފާދޭ ބޯޑުގެ ޗެއާޕާސަން މަރިޔަމް ޚާލިދާ ވިދާޅުވެއްޖެއެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަށް ޢާއްމު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން ވޭޖް ބޯޑުގެ ޗެއާޕާސަން މަރިއަމް ޚާލިދާ ވިދާޅުވީ ޗައިނާގައި ފެތުރެން ފެށި ބަލިމަޑުމަޑުކަމާއި ގުޅިގެން އޭގެ ނޭދެވޭ އަސަރު މުޅި ދުނިޔޭގެ އިޤްތިސާދަށް ކުރަމުންދާކަމަށެވެ. ޚާއްސަކޮށް ރާއްޖެފަދަ ފަތުރުވެރިކަމުން މަންފާ ހޯދާ ޤައުމެއްގެ އިޤްތިސާދަށް މީގެ އަސަރު ބޮޑުވާނެކަމަށް ޚާލިދާ ވިދާޅުވިއެވެ.

"ހުރިހާ ޤައުމުތަކުގެ އިޤްތިޞާދުވެސް އޮތީ ވަރަށް ދަށުގައި. ރާއްޖެއަށްވެސް މީގެ އަސަރުކުރާނެ. ސަރުކާރާއި އަދި މަޖިލީހުގެ ތެރެއިންވެސް މިކަންކަމަށް ރިޢާޔަތްކުރުން މުހިންމު. މިއީ މިނިމަމް ވޭޖެއް އިމްޕްލިމެންޓް ކުރުމަށް އެންމެ ރަނގަޅު ވަގުތެއް ނޫން." ވޭޖް ބޯޑުގެ ޗެއަރޕަރސަން ޚާލިދާ ވިދާޅުވިއެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޚާލިދާ ވިދާޅުވީ މިނިމަމް ވޭޖެއް ކަނޑައެޅުމަށް ބޯޑުން ގިނަ ދިރާސާތަކެއް ކޮށްފައިވާކަމަށެވެ. އެގޮތުން އެހެން ޤައުމުތަކުގައި މިނިމަމް ވޭޖު ކަނޑައެޅުމުގައި ޢަމަލުކޮށްފައިވާ އުސޫލުތަކާއި، ރާއްޖޭގެ މުސާރައާއި ދިރިއުޅުމުގެ ހާލަތާއި، އަދި އާއްމު މީހެއްގެ ދިރިއުޅުމުގެ ޒަރޫރީ ޚަރަދުތައް ދިރާސާކޮށްފައިވާކަމަށެވެ. މި ދިރާސާގައި އަތޮޅުތަކާއި، އަދި މާލޭގައި ދިރިއުޅޭ މީހުންގެ ޒަރޫރީ ޚަރަދުތަކުގެ އަގުތަަކަށް ބަލާފައިވާނެކަމަށް ޚާލިދާ ވަނީ ވިދާޅުވެފައެވެ.

ވަޒީފާ އަދާކުރާ މީހުންގެ އިތުރުން މިނިމަލް ވޭޖްގެ ސަބަބުން ވަޒީފާ ދޭ މީހުންނަށް މިކަމުގެ އަސަރުކުރާނެ ގޮތްތަކާއި މިންވަރުވެސް ދިރާސާކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މިނިމަލް ވޭޖްގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ އަދަކަށް ބެލީ 4100. 8600އަކީ އަސްލު ނީޑް ބޭސްޑްއަކުން އައި އަދަދު. އެކަމަކު ވިސްނާލީމަ އިނގޭ 8600އަކީ ދެވޭނެ އަދަދެއް ނޫންކަން. އެހެންވެ އެންމެ ކުޑަ އަދަދު 4100، އާއި ނީޑް ބޭސްޑްކަމަށް ބެލި 8600ގެ މިޑް ރޭންޖެން ނެގީ. އެހެންވެ މިނިމަމް ވޭޖަކަށް 6400 ކަމަށް ބެލީ." ޚާލިދާ ވިދާޅުވިއެވެ.

މިނިމަމް ވޭޖާއި ގުޅޭ ދިރާސާތައް ހެދުމަށް ބޯޑެއް ކަނޑައަޅައި މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. އަދި މި މަސައްކަތް ބޯޑުން ނިންމައި އިކޮނޮމިކް މިނިސްޓްރީއަށް ހުށައެޅީ މިދިޔަ ޑިސެމްބަރު މަހުއެވެ.