ޚަބަރު

ޗިލީއިން ކޯވިޑް 19 ޖެހުނު މީހާ ރާއްޖެއަށް އެތެރެވިކަމަށް ބުނާތީ އެކަން ބަލަނީ


ޗިލީ އިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާ ރާއްޖެއަށް އެތެރެވެފައިވާ ކަމަށް ބުނާތީ، ޗިލީގެ ސިއްހީ އިދާރާތަކާއި ބައިނަލްއަގުވާމީ އެޖެންސީތަކާ ގުޅިގެން، ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.

އެގޮތުން އޭނާގެ ދަތުރާ ބެހޭ މަޢުލޫމާތު ޗިލީގެ ސިއްޙަތާއި ބެހޭ އިދާރާތަކާއި ޓްރެވަލް އޭޖްންސީތަކާއި ގުޅިގެން އެއްކުރަމުންދާ ކަމަށް އެންޑީއެންއޭއިން ވިދާޅުވެއެވެ.

ޗިލީއިން ވަނީ އެޤައުމުގެ ފުރަތަމަ ކޮރޯނާވައިރަހުގެ ކޭސް މިއަދުގެ ވަގުތެއްގައި ފެނިފައިވާކަން ހާމަކޮށްފައެވެ. ޗިލީގެ ސަރުކާރުން ހާމަކޮށްފައިވާގޮތުން އެޤައުމުން ކޯވިޑް 19 އަށް ޕޮޒިޓިވްވެފައިވަނީ 33 އަހަރުގެ ފިރިހެން ޑޮކްޓަރެކެވެ. އޭނާ ވަނީ ވޭތުވެ ދިޔަ އެއް މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާގެ ގިނަ ޤައުމުތަކަށް ދަތުރުކޮށްފައެވެ. އެގޮތުން ރާއްޖެ، ސިންގަޕޯރ، މެލޭޝިއާ، އިންޑޮނޭޝިއާ އަދި ސްޕެއިންނަށް އޭނާ ދަތުރުކޮށްފައިވާކަމަށް ޗިލީން ބުނެއެވެ.

ޗިލީއިން ކޮރޯނާ ވައިރަސްގެ ފުރަތަމަ ކޭސް ފެނިފައިވާއިރު ދުނިޔޭގެ އެކި ސަރަޙައްދުތަކުން މި ވައިރަސް މިހާރު ދަނީ ފެންނަމުންނެވެ. އެގޮތުން އިންޑިއާ، ސްރީލަންކާ، މެލޭޝިއާ އަދި ސިންގަޕޫރުންވެސް މިހާރު މި ވައިރަސް ވަނީ ފެނިފައެވެ.

ރާއްޖެއިން ކޯވިޑް-19 އަށް އަދި އެއްވެސް މީހަކު ޕޮޒިޓިވް ނުވާކަން ކަމާބެހޭ އިދާރާތަކުންވަނީ ޔަޤީންކޮށްދެއްވާފައެވެ. ރާއްޖެއަށް މި ވައިރަސް އެތެރެވިޔަ ނުދިނުމަށްޓަކައި ސަރުކާރުން ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ވަޔާއި ކަނޑުގެ މަގުން ރާޢްޖެ އެތެރެވާ މީހުން ހެލްތް ސްކްރީން ކުރުމާއި މި ވައިރަސް އެންމެ ބޮޑަށް ފެތުރޭ ޤައުމުތަކުން މީހުން ރާޢްޖެއަށް އެތެރެވުންވެސް ވަނީ ވަގުތީގޮތުން މެދުކަނޑާލާފައެވެ.

މީގެ އިތުރުން ކޯވިޑް-19އަށް ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތް ހަރުދަނާ ކުރުމަށް ރަޢީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްގެ އިސްނެންގެވުމާއެކު ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ ހިމެނޭގޮތަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރެއްވެސް ވަނީ ޤާއިމް ކޮށްފައެވެ.