ޚަބަރު

ރާއްޖެ އޮތީ ކޯވިޑް 19 ކޮންޓްރޯލްކުރުމަށް ފުރިހަމައަށް ތައްޔާރުވެފައި


ކޯވިޑް 19ގެ ނުރައްކާ ދުނިޔެއަށް ބޮޑުވަމުން އަންނަ އިރު، މިއަދު ރާއްޖެއަށްވެސް މި ބަލި ފެތުރިދާނެކަމުގެ ނުރައްކާ ވަނީ ބޮޑުވެފައެވެ. އަވައްޓެރި އިންޑިއާ އާއި ސްރިލަންކާ ފަދަ ޤައުމުތަކުން މި ބަލި ފެނިފައިވާއިރު، މި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް ހެލްތު މިނިސްޓްރީގެ އިސްނެގުމާއެކު ރާއްޖޭގައި ވަނީ އަޅަން ފަށާފައެވެ. އެގޮތުން އައިސޮލޭޝަން ސެންޓަރުތަކާއި، ޓްރެވަލް އަދި ފްލޫ ކްލިނިކްތައް ޤާއިމުކޮށް މި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް އެ މިނިސްޓްރީން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ.

ފަރުކޮޅު ފުށީގައި ޤާއިމުކޮށްފައިވާ އައިސޮލޭޝަން ސެންޓަރުގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ހިއްސާކުރައްވަމުން ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ ފާތިމަތު ލިމްޔާ ވިދާޅުވީ މި ސެންޓަރަކީ ކޯވިޑް 19 އަށް ޕޮޒިޓިވްވާ ފަރާތްތައް ކަރަންޓީންކުރާ ސެންޓަރުކަމުން މި ސެންޓަރުގައި މިފަދަ ޙާލަތަކަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވެ އިންތިޒާމުތައް ހަމަޖައްސާފައިވާކަމަށެވެ. އެގޮތުން ޖުމްލަ 4 ވޯޑާއި އައިސީޔޫއެއް ހިމެނޭހެން ތައްޔާރުކޮށްފައިވާ މިސެންޓަރުގައި އެއްފަހަރާ 50 ފަރާތައް ޚިދުމަތް ދިނުމަށް ތައްޔާރުކުރެވިފައިވާކަން ލިމްޔާ ފާހަގަކުރެއްވިއެވެ. އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި ނަރުހުން ޚިދުމަތްދޭ މިސެންޓަރުގައި މި ސަރަހައްދުގައި މަސައްކަތްކުރާ ފަރާތްތަކުގެ ސަލާމަތީގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާކަން ލިމްޔާ ވިދާޅުވިއެވެ.

"މި ސެންޓަރުގައި ޚިދުމަތް ދިނުމުގައި އަމަލުކުރާނީ ބައިނަލްއަޤްވާމީގޮތުން ޕްރެކްޓިސްކުރާ ފެންވަރުގައި. މިއީ މިހާރު ހޮސްޕިޓަލް ފެންވަރުގައި ޚިދުމަތްދޭ ތަނެއް. މިތަނުގައި 50 އެނދު ހުންނަ އިރު މިސެންޓަރުގައި މަސައްކަތްކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްވެސް ޚާއްސަ އިސްކަމެއް އަޅުގަނޑުމެން ދެން." ލިމްޔާ ވިދާޅުވިއެވެ.

އައިސޮލޭޝަން ސެންޓަރުގެ އިތުރުން ހުޅުމާލެ އާއި މާލޭގައި ޓްރެވެލް ކްލިނިކްތައް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ހުޅުމާލެ ހެލްތު ސްކްރީނިންގް ސެންޓަރުގައި ހުޅުމާލެ ޓްރެވަލް ކްލިނިކް ޤާއިމުކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ. ހުޅުމާލެ ޓްރެވަލް ކްލިނިކްގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާ ހިއްސާކުރައްވަމުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރ ޕަބްލިކް ހެލްތު ޕްރޮގްރާމް، އައިމިނަތު ޝައުފާ ވަނީ، މި ކްލިނިކުން ޚިދުމަތްދޭނެ ގޮތުގެ ތަފްސީލު ހިއްސާކުރައްވާފައެވެ. މި ސެންޓަރުގައި ޑޮކްޓަރަށް ދެއްކުމަށް ޓްރައޭޖް ޔުނިޓް ޤާއިމުކޮށްފައިވަނީ ބަލި ނުފެތުރޭނެ ފަދަ ގޮތަކަށް ސަލާމަތީ ފިޔަވަޅުތައް އަޅައިގެންކަން ޝައުފާ ފާހަގަކުރެއްވިއެވެ. މި ކްލިނިކްގައި ޓްރައޭޖްގެ އިތުރުން ޑޮކްޓަރަށް ދެއްކުމާއި ކުރު މުއްދަތަކަށް އެޑްމިޓްކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާކަން ޝައުފާ ފާހަގަކުރެއްވިއެވެ.

"ދަތުރުކުރުމަށްފަހު ކޯވިޑް 19ގެ އަލާމާތެއް ފެނިއްޖެނަމަ މިކަމަށް ބޭނުންކުރާ ހޮޓް ލައިނަށް ގުޅައިގެން މި ސެންޓަރަށް އަންނަ ޖެހޭނީ. މިސެންޓަރުން ބެލުމަށް ފަހު ފަރުކޮޅު ފުށީގައި ހުންނަ އައިސޮލޭޝަނަށް ބަދަލުކުރަން ޖެހޭނީ. މި ސެންޓަރުގައި ޑޮކްޓަރަށް ދެއްކުމަށް ޓްރައޭޖް ޔުނިޓް ޤާއިމުކޮށްފައިވަނީ ބަލި ނުފެތުރޭނެ ފަދަ ގޮތަކަށް ސަލާމަތީ ފިޔަވަޅުތައް އަޅައިގެން. އެގޮތުން ޓްރައޭޖްގައި ގޮނޑި ޖަހާފައިވަނީވެސް މިފަދަ ގޮތަކަށް ބަލައިގެން." ޝައުފާ ވިދާޅުވިއެވެ.

ކޯވިޑް 19 ރާއްޖޭގައި ފެތުރުން ހުއްޓުވުމަށް ރާއްޖެ ތައްޔާރީ ޙާލަތަކަށް އައިސްފައިވާއިރު، ހެލްތު މިނިސްޓްރީން އިސްނަގައިގެންވަނީ ކޯވިޑް-19 އަށް ޝައްކުކުރެވޭ ބަލިމީހެއްގެ މަޢުލޫމާތު ލިބުމާއި ހަމައިން، އެމީހާ ފަރުވާއަށް ގެންދިއުމާއި ހަމައަށް ޢަމަލުކުރާނެ ގޮތްތައް ޑްރިލްގައި ކުރިއަށްގެންގޮސްފައެވެ.