ކޯވިޑް19 ވައިރަސްއާ ގުޅިގެން ދިވެހިރާއްޖެއަށް ކާޑުގެ ދަތިކަން ފޯރާނެކަމަށް ދެކޭތީ، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
މިމައްސަލާގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ހަލުވިކަމާއިއެކު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖެއަށް އައުމުގެ ފުރުސަތު ބޮޑުކަމަށް. ނަމަވެސް މިކަމުގެ ސަބުން އާންމު ދަތުރުފަތު އެއްކޮށްހުއްޓާލައި ރައްޔިތުން ބަޑަށް ޖެހޭ ހިސާބަށް ކަންކަން ދާނެކަމަށްބުނެ ވާހަތައް ފެތުރުމަކީ ރަނގަޅުކަމެއް ނޫންކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. އަދި މިކަމުން ސަލާމަތްވުމަށްޓަކައި ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖޭގެ ސަރުކާރުންވެސް މިކަމަށް ފިޔަވަޅު އަޅުއްވާކަމަށާ، އަދި މިކަމުގައި ޢާންމު ރައްޔިތުންގެ ފަރުދީ ޒިންމާ އުފުލައި ޑޮކްޓަރުންގެ ލަފާގެމަތީން ކަންކަން ކުރުމަށްވެސް ރައީސް ނަޝީދު ވަނީ އިލްތިމާސް ކުރައްވާފައެވެ.
މިމައްސަލަ ހުށަހެޅުއްވި މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ރާއްޖެއަކީ ވަސީލަތްތައް މަދު ޤައުމަކަށްވާއިރު މިފަދަ ބައްޔެއް ރާއްޖޭގައި ފެތުރިއްޖެނަމަ މިކަމުގެ ނުރައްކާ ރައްޔިތުންނަށް ވަރަށްބޮޑުކަމަށެވެ. އެގޮތުން ކާބޯތަކެއްޗާއި ތެލާއި، އަންނައުނަކީވެސް ބޭރުގެ ޤައުމުތަކުން އެތެރެކުރާ ތަކެއްޗަށްވާއިރު ދަތުރުފަތުރު ހުއްޓިއްޖެނަމަ މިކަމުގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަމަށެވެ.
މިމައުޟޫޢުގައި ވާހަކަދެއްކެވި މެމްބަރުންވަނީ ރައްޔިތުންނަށް އޮޅުވާނުލައި ތެދު މަޢުލޫމާތު ފޯރުކޮށް ދެއްވުމަށް ގޮވާލާފައެވެ. ސަރުކާރުން މަސައްކަތް ކުރައްވަމުންދަނީ މިބަލީގެ ނުރައްކާ އޮތް މިންވަރާއި، ބަލި ފެތުރިއްޖެނަމަ އަމަލުކުރަން ޖެހޭގޮތް ހާމަކޮށް މިކަމަށް ތައްޔާރުވުމަށްކަމަށް. އެގޮތުން ކަމާއިބެހޭ ހުރިހާ ފަރާތްތަކުން ގުޅިން ކޮންމެ ދުވަހަކު މިކަމުގެ މައުލޫމާތުދީ ރާއްޖެއަށް އެތެރެވެ ބޭރުވާ މީހުން ސްކްރީން ކުރެވެމުންދާކަމަށެވެ.
ބައެއް މެމްބަރުންވަނީ މިމައްސަލަޔަކީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ދިމާކޮށް ވަކިކަމެއް ޙާސިލްކުރަން ހުށަހެޅި މައްސަލައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެގޮތުން ސަރުކާރުން މިކަމުގައި އަމަލުކުރައްވަމުންދާ ކަންކަން އޮޅުވާލައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި ސަރުކާކާރާއިމެދު ދެކޭ ދެކުން ބަދަލުކޮށްލުމަކީ މިމައްސަލަ ހުށަހެޅުމުގެ މަޤްސަދުކަމަށް މިމައްސަލާގައި ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.