ޚަބަރު

ތަރައްޤީގެ ކޮންމެ ފިޔަވަޅެއްވެސް އެޅެންއޮތީ ތިމާވެއްޓަށް ގެއްލުން ކުޑަގޮތަކަށް - ރައީސް


ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ހިންގެވުމުގައި އެންމެ ބޮޑަށް ސަމާލުކަންދެއްވާނީ ތިމާވެއްޓަށް ގެއްލުން ކުޑަވާނޭ ގޮތަކަށް މަޝްރޫޢުތައް ހިންގެވުމަށް ކަމުގައި ރައީސްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ 70 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވީ ޤައުމުގެ ތަރައްޤީކުރެވޭނީ ވެށީގެ ރައްކާތެރިކަން ކަށަވަރު ކުރެވިގެންކަމަށެވެ. ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކާއިއެކު މިއަހަރަކީ ރާއްޖޭގެ ތިމާވެއްޓަށްވެސް އެންމެބޮޑު އަސަރުތަކެއް ކޮށްފައިވާ އަހަރުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރެވޭނީ އިއާދަކުރަނިވި ހަކަތައަށް ޚާއްސަ ސަމާލުކަމެއް ދެވިގެން ކަމަށެވެ. ސަރުކާރުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށް ދެއްވުމުގައިވެސް އެންމެބޮޑު އަހައްމިޔަތުކަމެއް ދެއްވާނީ ޖައްވައް ދޫކުރެވޭ ވިހަގޭސް ކުޑަކޮށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވޭނެ ވަސީލަތްތައް ގާއިމްކުރުމަށް ކަމަށެވެ.

އެމަނިކުފާނުވަނީ ސްޓެލްކޯއިން ރާއްޖޭގެ މިހާތަނަށް ޚިދުމަތްދެމުންދާ 35 ރަށުގެ ތަފާސް ހިސާބުތަކަށްވެސް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މި އިންޖީނުގެ ތަކުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށް ދެއްވުމަށް 12 މިލިޔަން ލީޓަރުގެ ޑިސަލް މަހަކު ހޭދަކުރާއިރު މިއީ މަހަކު 92 މިލިޔަނަށްވުރެ ގިނަ ރުފިޔާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތަކީ ކަރަންޓުގެ ޚިދުމަތް ދިނުމުގައި ޑީސަލް އަންދަންޖެހޭ މިންވަރު މަދުކުރުންކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އަވިންކަރަންޓް އުފެއްދުމުގެ ޚާއްސަ މަސައްކަތްތަކެއް ސަރުކާރުން މިހާރުވެސް ކުރަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަވިން އުފައްދާ ކަރަންޓް އިތުރުކުރުމަށްޓަކައި މިދިޔަ އަހަރު 14 ރަށެއްގައި އަވިން ކަރަންޓް ބޭނުންކުރެވޭނެ ނިޒާމެއް ގާއިމް ކުރެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިއާދަ ކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުމުގެ 5 އަހަރުގެ ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް ކުރަމުންދާއިރު މިއާއިއެކު ރާއްޖޭގައި ކަރަންޓް ބޭނުންކުރާ ގޮތްތަކަށްވެސް ބޮޑެތި ބަދަލުތަކެއް އަންނާނެކަމުގައި ކަމުގައި ރައީސް ވިދާޅުވިއެވެ. މިއާއިއެކު ޑީސަލް ބޭނުންކުރެވޭ މިންވަރު ކުޑަވެ، ތެޔޮއަންދާ މިންވަރު ވަރަށްބޮޑަށް ކުޑަވެގެންދާނެކަމަށެވެ. އިޔާދަކުރަނިވި މިމަޝްރޢޫއާއިއެކު ތަރައްޤީގެ އިތުރު މަޝްރޫޢުތައް ހިންގެވުމަށް އިތުރު ފައިސާ ރައްކާކުރެވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

1949 ވަނަ އަހަރު މާލެއަށް ކަރަންޓް ތަޢާރަފް ކުރީއްސުރެ އެއިރެއްގައި އޮންނަ ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނަށް ބުރަ ނުވާގޮތަކަށް ކަރަންޓް ފޯރުކޮށް ދެއްވުންކަމަށްވާއިރު މިސަރުކާރުގެ އަމާޒަކީވެސް ރައްޔިތުންނަށް ބުރަބޮޑު ނުވާނޭހެން ކަރަންޓް ފޯރުކޮށްދެއްވުންކަމުގައި ރައީސުލްޖުމުހޫރިއްޔާ ވިދާޅުވިއެވެ.

އަދި މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، ކަރަންޓުގެ ޚިދުމަތް ދިނުމުގައި މާލެއާއި އެހެން ރަށްރަށާއި ބޮޑު ތަފާތެއް ހުރިކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އެތަފާތު ނައްތާލައި ކަރަންޓަށް ނަގާ އަގު މިދިޔަ އަހަރުގެ ތެރޭގައި އެއްހަމަ ކޮށްފައިވާކަމަށާއި، އަދި އަތޮޅުތެރޭގެ ވިޔަފާރި ކުރާ ފަރާތްތަކުގެ މެދުގައި އޮތް ކަރަންޓުގެ ތަފާތުކުރުންވެސް ނައްތާލެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މިޖަލްސާގައި ސްޓެލްކޯއަށް އަގުނުކުރެވޭ ގިނަ ޚިދުމަތް ކުރެއްވި ފަރާތްތަކުގެ ތެރެއިން ފިލަޔާއި ހަނދާނީ ލިޔުން ލިބިލެއްވި ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ އަދި އެބޭފުޅުންނަކީ ރާއްޖޭގެ ކަރަންޓުގެ ޚިދުމަތް ދިނުމުގައި އެންމެ ބުރަ މަސައްކަތް ކުރައްވާފައިވާ ފަރާތްތައްކަން ހާމަކޮށް އެފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަން ކުރައްވާފައެވެ.