ޚަބަރު

ރައީސް ޔާމީންގެ ޝަރީޢަތް: ދިފާޢީ އިސްތިއުނާފީ ނުކުތާތައް ތަފްސީލްކޮށް ހުށަހަޅައިފި


ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ކްރިމިނަލްކޯޓުގައި ހިންގި ޝަރީޢަތް ބާޠިލްކުރުމާމެދު ޔާމީންގެ ފަރާތުން ގިނަ ނުކްތާތަކެއް ހައިކޯޓަށް ހުށަހަޅައިފިއެވެ.

އެގޮތުން ދައުލަތުން ދަށުކޯޓަށް ހުށައެޅި ހެކިންގެ ހެކިބަސް ނެގިގޮތާމެދުވެސް ޔާމީންގެ ދިފާޢީ ވަކީލުން ވަނީ ސުވާލު އުފައްދަވާފައެވެ. ރައީސް ޔާމީނާދެކޮޅަށް ހެކިބަސްދިން މީހުންގެ ތެރޭގައި އެމަނިކުފާނުގެ ސަރުކާރުގައި ކުރިން ނާއިބުރައީސްކަން ކުރި އަޙްމަދު އަދީބާއި، އެމް.އެމް.ޕީ.އާރް.ސީގެ ކުރީގެ ވެރިޔާ އަބްދުﷲ ޒިޔަތާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ރައީސް މުއައްވިޒު ރަޝީދު ވަނީ ހެކިބަސް ދީފައެވެ.

ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި މި މައްސަލާގައި 4 އަޑުއެހުމެއް މިހާތަނަށް ބާއްވާފައިވާއިރު، މިއަދު ހެނދުނު ބޭއްވި އަޑުއެހުމަކީ ރައީސް ޔާމީންގެ އިސްތިއުނާފީ ނުކުތާތައް ތަފްސީލްކޮށް ހުށަހެޅުމަށް ބޭއްވި އަޑުއެހުމެކެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި 75 ނުކުތާ ހުލާސާކޮށް ޔަމީންގެ ފަރާތްޕުޅުންވަނީ ހުށަހަޅާފައެވެ.

މިއަދުގެ އަޑުއެހުން ނިންމައިލީ އިތުރު އަޑުއެހުމެއް އަންނަ ބުރާސްފަތި ދުވަހު ބާއްވާނެ ކަން އިއުލާން ކުރުމައްފަހުއެވެ.