އަތޮޅުތައް

ކޮރޯނާ ވައިރަސްއަށް ހއ. އަތޮޅު ރައްޔިތުން ހޭލުންތެރި ކުރުން


ހއ. އަތޮޅު ކައުންސިލް އިދާރާގެ ޑިޖިޓަލް ނޯޓިސްބޯޑް މެދުވެރިކޮށް ކޮވިޑް 19 އާ ބެހޭ މަޢުލާުމާތު 24 ގަޑިއިރު ލިބޭނެ ގޮތް ހަމަޖައްސައިފި.

ދުނިޔޭގައި މިހާރު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 އާ ބެހޭގޮތުން ރައްޔިތުން ހޭލުން ތެރި ކުރުމަށް، މިގޮތަށް މަޢުލޫމާތު ފަތުރަން ފެށީ މިވައިރަސް ގެ ނުރައްކާތެރިކަން ޢާއްމުންނަށް އަންގައި ދިނުމަށް މިއީ ފަސާހައިން މަޢުލޫމާތު ފޯރު ކޮށްދެވޭނެ ވަޞީލަތަކަށްވާތީ ކަމަށް ކައުންސިލް އިދާރާއިން މަޢުލޫމާތުދެއެވެ.

އަތޮޅު ކައުންސިލް އިދާރާގެ ބޭރުގައި ބަހައްޓާފައިވާ މި ނޯޓިސްބޯޑް މެދުވެރިކޮށް ލިބިދޭ މަޢުލޫމާތުގެ ތެރޭގައި ބަލީގެ ވައިރަސް ފެތުރޭގޮތާއި މިބަލިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ފޭސް މާރސްކް އަޅާނެ ގޮތާއި މި ބަލި ޖެހުނީމާ ވާގޮތާއި ، އަރިދަފުސް ރޯގާ ޖެހުމުން ފަރުދީ ފެންވަރުގައި އަމަލުކުރާނެ ގޮތްތައް ޑޮކްޓަރ މެދުވެރިކޮށް އޮޅުން ފިލުވައި ދެމުން ގެންދެވެއެވެ.

ދިވެހިރާއްޖެ ހިމެނެނީ ކޯވިޑް-19 އައުމުގެ ފުރުސަތު ބޮޑު ޤައުމުތަކުގެ ތެރޭގައެވެ. ހެލްތް މިނިސްޓްރީން ވަނީ މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ މީހަކު ފެނިފައި ނުވާކަން ކަށަވަރުކޮށްދީފައެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ ޑަބްލިޔޫ. އެޗް. އޯއިން ވަނީ މި ރޯގާގެ ނުރައްކާތެރި ކަމުގެ ބޮޑުކަމުން ދުނިޔޭގެ ގައުމުތަކުން ސަމާލުވުމަށް ގޮވާލާފައެވެ.