ޚަބަރު

އީސީގެ މެންބަރުކަމަށް އައްޔަންކުރަން ރައީސް ފޮނުވާފައިވާ ނަންތަކާމެދު އާންމުންގެ ޚިޔާލަށް ހުޅުވާލައިފި


އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ ފަރާތްތަކާ ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމުގެ ފުރުޞަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

މިމަހުގެ ތޭވީސްވަނަ ދުވަހަށް މެންބަރުކަމުގެ މުއްދަތުހަމަވާ އިލެކްޝަން ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ޢައްޔަނު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން އިޖާބަދިން މީހުންގެ ތެރެއިން ހަތަރު ފަރާތެއްގެ ނަމެވެ.

އެހަތަރު ބޭފުޅުންނަކީ އިލެކްޝަންސް ކޮމިޝަނުގެ މިހާރުގެ ނާއިބު ރައީސް، ހއ.ހޯރަފުށީ، ފަރީދީ ނޫރު، އަޙްމަދު އަކްރަމާއި، އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނާއިބުރައީސްކަން ކުރައްވާފައިވާ، މ.ހަޒާރީވިލާ އަޙްމަދު ފަޔާޟް ޙަސަނާއި، ހއ.ކެލާ، އަނބުގަސްދޮށުގެ އަލްއުސްތާޛާ މަރްޔަމް ޙަނީފާ ޚާލިދުގެ އިތުރުން ވ.ރިވެތި އަޙްމަދު މަންޞޫރެވެ.

އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ ނާއިބުރައީސްގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީ އެ ކޮމިޝަނަށް މެންބަރަކު ޢައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެ މައްސަލަ ފޮނުވާފައެވެ.

އެހެންކަމުން، އެ ހަތަރު ބޭފުޅުންގެ ނަމާއި ގުޅޭގޮތުން ޢާންމުންގެ ޝަކުވާއެއް އޮތްނަމަ މިމަހުގެ އަށް ވަނަ ދުވަހުގެ ދޭއް ޖެހުމުގެ ކުރިން ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު އެނގޭ ގޮތަށް ކޮމިޓީއަށް އީމެއިލް މެދުވެރިކޮށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ އެދިވަޑައިގެންފައެވެ.