ޚަބަރު

އިލްމީ ޤާބިލު ޒުވާނުން އުފެއްދުމަށް ދިމާވެފައިވާ ތަކުލީފުތަކަށް "މަތީ ތަޢުލީމުގެ ޤާނޫނު"ން ލުއިލިބޭނެކަމުގެ އުންމީދު


ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ޤާނޫނު" ގެ ބިލަކީ އުފެއްދުންތެރި ދަރިންތަކެއް ބިނާކުރުމަށް މިވަގުތަށް ބޭނުންވެފައިވާ މުހިންމު ބިލެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ޤާނޫނީ ބާރުވެރިކަން ލިބޭގޮތަށް އެކުލަވާލާފައިވާ މިބިލްގެ އެންމެ ބޮޑު އެއް މަޤުސަދަކީ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް، ކުރިއެރުވުމެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުންގެ ފަރާތުން މަޖިލީހަށް ހުށައަޅާފައިވާ މަތީ ތައުލީމުގެ ޤާނޫނުގެ ބިލަށް ބަހުސްކުރެއްވި މެންބަރުން ވަނީ މިބިލަށް ތާޢީދުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ.

މިބިލު ހުށައަޅުއްވަމުން ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުالله ޝަފީޤް ވިދާޅުވީ، މި ބިލަކީ މަތީ ތަޢުލީމު ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި، މަތީ ތަޢުލީމުދޭ މަރުކަޒުތައް ރަޖިސްޓަރީކުރުމާއި، އެ މަރުކަޒުތައް ހިންގާނެ އުޞޫލުތައް ބަޔާންކުރުމާއި، މަތީ ތަޢުލީމުގެ ކަންކަން ވިލަރެސްކުރުމަށް ގެންނަ ޤާނޫނެއްކަމަށެވެ.

މިގެ އިތުރުން މަތީ ތަޢުލީމުދޭ މަރުކަޒުތައް މޮނިޓަރކޮށް، އެ މަރުކަޒުތަކުން ދޭ ޚިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ސަރުކާރުގެ އިދާރާއެއް ޤާއިމުކޮށް، އެ އިދާރާގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުމާއި، ދިވެހިރާއްޖޭގައި މަސައްކަތުގެ ތަޢުލީމާއި ތަމްރީނު ދިނުމުގެ ހަރުދަނާ ނިޒާމެއް ރާވައި ހިންގުމާބެހޭ އުޞޫލުތައް މި ބިލް ޤާނޫނަކަށް ވެގެންދާއިރު ބަޔާންކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މި ބިލް ޤާނޫނަކަށްވުމުން މަތީތައުލީމްގެ ފެންވަރު ކަށަވަރުކުރުމައްޓަކައި އެކްރެޑިޓޭޝަން އެކަޑަމިކް އޮޑިޓާ، އިންސްޓިޓިއުޝަނަލް އޮޑިޓް ކުރުމުގެ އިތުރުން މަތީތައުލީމްދޭ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ފެންވަރު ބެލުމުގެ މަސައްކަތްތައް ކުރުމަށްޓަކައި މޯލްޑިވްސް ކޮމިފިކޭޝަން އޮތޯރިޓީގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް އުފައްދާނެ. އެއޮތޯރިޓީއާއި ގުޅޭކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ މިނިސްޓަރުކަމުގައި ކަނޑައަޅާފައި" ވެލިދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.

މި ބިލަށް މިއަދު ބަހުސްކޮށްފައިވަނީ ޖުމްލަ ގޮތެއްގައި ސަރުކާރަށް ނިސްބަތްވާ މެންބަރުންނެވެ. އެމެންބަރުންވަނީ މަތީ ތަޢުލީމު ހާސިލުކުރުމުގައި ދިމާވަފައިހުރި ގޮންޖެހުންތައް ބޮޑުކަން ފާހަގަކުރައްވާފައެވެ.

މި ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފެށުމާއެކު، މަތީ ތަޢުލީމުގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި، އެކްރެޑިޓޭޝަނާއި އެކަޑެމިކް އޮޑިޓާއި އިންސްޓިޓިޔުޝަނަލް އޮޑިޓްކުރުމުގެ އިތުރުން، މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ފެންވަރު ބެލުމުގެ މަސައްކަތްތައް ކުރުމަށްޓަކައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ ނަމުގައި ސަރުކާރުގެ ވަކި އިދާރާއެއް އުފައްދާނެއެވެ.
އަދި މީގެ ކުރިން މޯލްޑިވްސް ކޮލިފިކޭޝާން އޮތޯރިޓީގައި ޚިދުމަތްކުރަމުންދިޔަ މުވައްޒަފުންނާއި އެއިދާރާއިން ކުރަމުންދިޔަ އެންމެހާ މަސައްކަތްތައް މި ޤާނޫނުގެ ދަށުން އުފެދޭ އޮތޯރިޓީގެ ދަށަށް ބަދަލުވެގެންދާނެއެވެ.

މިބިލް ޤާނޫނަކަށްވުން ރާއްޖެއިން ބޭރުގެ ކޮލެޖްތަކާއި އިސްޓިއުޓްތައް ނުވަތަ ކޮލެޖްތަކުގެ ކެމްޕަސްތައް ރާއްޖޭގައި ހިންގަންވާނީ، މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައިވާ ގޮތުގެމަތިންކަމާއި، އެތަންތަނަށް ދަރިވަރުން ވެއްދޭނެ ގޮތާއި، ދަރިވަރުންނަށް އެކަޝީގެންވާ ޝަކުވާގެ ނިޒާމެއްވެސް މި ޤާނޫނާއެކު ކަނޑައަޅާނެއެވެ.