ޚަބަރު

ކޯވިޑް-19އިން ރައްކާތެރިވުމާގުޅޭ އެމަޖެންސީ ޑްރިލެއް


ކޮވިޑް-19 އިން ރައްކާތެރިވުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތުގެދަށުން ބާއްވާ އެމަޖެންސީ ޑްރިލެއް މިއަދު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

މިޑްރިލަކީ ގޭބީސީއެއްގައި ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވް ވެއްޖެ ޙާލަތެއްގައި ކަމާބެހޭ ފަރާތަކުން ކަންކުރާނެ މިސްރާބު ހާމަކޮށްދިނުމާއެކު، އެފަދަ ޙާލަތެއްގައި އެންމެ އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށްޓަކައި ވެފައިވާ ތައްޔާރީތައް ވަރުގަދަކުރުމުގެ ގޮތުން ބާއްވާ ޑްރިލެކެވެ.

ޑްރިލަކީ އެމަރޖެންސީ ޑްރިލަކަށްވުމުން، ޑްރިލް ފަށާނެ ތަނާއި ގަޑި އެންޑީއެމްއޭއިން ހާމަކޮށްފައެއް ނުވެއެވެ.

މި ޑްރިލްގެ ބޭނުމަކީ، މިފަދަ ޙާލަތަކަށް ވަކިވަކި މުއައްސަސާތަކުން ތައްޔާރުވެފައިވާ މިންވަރު ބެލުމާއި، އަދި އެފަދަ ވަގުތެއްގައި ކަންކަން ކުރިއަށްގެންދާނެ ތަރުތީބު ދެނެގަނެ ކޮވިޑް-19އަށް ޝައްކުވާ މީހާ ކަރަންޓީން ފެސިލިޓީއާއި ހަމައަށް ގެންދާނެގޮތާއި، އެމީހާގެ ފަރުވާގެ ކަންކަން ކުރިއަށްގެންދާނެގޮތް ތަޖުރިބާކުރުމެވެ.

އަދި އެފަދަ ގޭބިސީއެއްގައި ކޮވިޑް -19 އިތުރަށް ފެތުރުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތަކުގެ އިރުޝާދު ދިނުމަށްވެސްވަނީ ހަމަޖެހިފައެވެ.

ޑްރިލް ހަރަކާތުގައި ކަމާއިގުޅޭ މުޢައްސަސާތަކާއި، އަދި އާއްމު ރައްޔިތުންވެސް ހިމެނޭނެކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ވިދާޅުވެފައެވެ.