ފުރަތަަމަ ފަހަރަށް ސައޫދީ ރައްޔިތަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެކަމުގައި އެޤައުމުން ހާމަކޮށްފިއެވެ.
ސައޫދީީގެ ރަސްމީ ނޫސް އެޖެންސީ ސައޫދީ ގެޒެޓްގައި، އެޤައުމުގެ ހެލްތު މިނިސްޓަރ ތައުފީޤު ބިން ފައުޒާން އަލް ރާބިއާ ހަވާލާދީ ބުނެފައި ވަނީ، ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވި މީހަކީ، އިރާނުން އައިސް ބަހުރައިން މަގުން ސައޫދީއަރަބިއްޔާއަށް އެތެރެވެފައިވާ މީހެއް ކަމަށެވެ.
ކޮވިޑް-19އަށް ޝައްކު ކުރެވިގެން ސައޫދީން މިހާތަނަށް 298 މީހުން ޓެސްޓްކުރި އިރު އެއެެންމެންވެސް ނެގެޓިވްކަމަށް ބުނެފައިވެެއެވެ.
ސައޫދީ އަރަބިއްޔާގެ ހެލްތު މިނިސްޓަރ ވިދާޅުވީ، ކޮވިޑް-19އަށް ޕޮޒިޓިވްވި މީހާ ކަރަންޓީންކޮށް މިހާރު ހޮސްޕިޓަލްގައ ފަރުވާދެމުން ގެންދާ ކަމަށެވެ.
އިރާނަށް ދަތުރުކުރި ސައޫދީގެ ރައްޔިތަކުން ކޮވިޑް-19އަށް ޕޮޒިޓިވް ވިއިރު، އީރާނަކީ މިބަލި މިހާރު އެންމެ ބާރަށް ފެތުރެމުންދާ އެއްޤައުމެވެ.
ކޮވިޑް-19 އާއި ގުޅިގެން ސައޫދީއަރަބިއްޔާއިން މިހާރުވަނީ އެހެން ޤައުމުތަކުގެ މީހުން އުމުރާއަށް އައުންވެސް މަނާކޮށްފައެވެ.
އަދި 22 ޤައުމެއްގެ މީހުން ސައޫދީއަށް އެތެރެވުން މަނާކޮށް ވިސާ ދިނުންވެސް ވަނީ ހުއްޓާލާފައެވެ. މިގޮތުން ވިސާދިނުން ހުއްޓާލާފައިވާ ޤައުމުތަކަކީ، އަފްޣާނިސްތާން، އަޒަރްބައިޖާން، ޗައިނާ، ހޮންގކޮންގ، އިރާން، އިޓަލީ، ޖަޕާން، ކަޒަކިސްތާން، މަކާއޯ، މެލޭޝިޔާ، ޕާކިސްތާން، ފިލިޕީންސް، ސިންގަޕޯރ ސޯމާލިއާ، ސައުތު ކޮރެއާ، ސީރިއާ، ޓައިވާން، ތައިލެންޑް، އުޒްބަކިސްތާން، ވިއެޓްނާމް އަދި ޔަމަނެވެ.
ސައޫދީ އަރަބިއްޔާގެ އިތުރުން އުރުދުން އާއި ތޫނިސް އިންވެސް ކޮވިޑް-19އަށް ޕޮޒިޓިވް ކޭސްތައް މިހާރު ފެނިފައިވާ ކަމުގައި އެޤައުމުތަކުގެ ރަސްމީ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ..