ޚަބަރު

މިނިމަމް ވޭޖް ކަނޑައެޅުމާގުޅޭގޮތުން ޚިޔާލު ހޯދުމަށް މަޖިލީހުގެ އިދާރާގައި ޕަބްލިކް ފޯރަމެއް ބާއްވަނީ


މަޖިލީހަށް ހުށައަޅާ ބިލްތަކާއި، މައްސަލަތަކާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ބުދަ ދުވަހު ބާއްވާނެކަން މަޖިލީހުގެ އިދާރާއިން ހާމަކޮށްފިއެވެ.

އެގޮތުން ފުރަތަމަ ބައްދަލުވުމުގައި މަޝްވަރާކުރުމަށް ނިންމާފައިވަނީ މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑައުޖޫރަ ކަނޑައެޅުމާއި ގުޅޭގޮތުންނެވެ.

މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ ބުދަ ދުވަހުގެ ރޭ 20:15 އިން 22:30 އަށް ރައްޔިތުންގެ މަޖިލީހުގެ އައު އިމާރާތުގެ ހަތަރުވަނަ ފަންގިފިލާގައިކަމަށް މަޖިލިސް އިދާރާއިން ވިދާޅުވިއެވެ.

މި ފޯރަމްގައި މިނިމަމް ވޭޖާއި ގުޅޭގޮތުން ބާއްވާ މަޝްވަރާގައި ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކުގެ އިސްފަރާތްތަކާއި ފަންނީ ބޭފުޅުން ބައިވެރިވާނެކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވިއެވެ.

އެންމެ ކުޑަކޮށް ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖު ކަނޑައެޅުމަށް އެދި އިކޮނޮމިކް މިނިސްޓްރީން ފޮނުވާފައިވާ ރިޕޯޓާއި މެދު މި މަހުގެ އެގާރަވަނަ ދުވަހުގެ ކުރިން ގޮތެއް ކަނޑައެޅުމަށް ރައްޔިތުން މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން މިއަދު ވަނީ ނިންމާފައެވެ.

ފެބުރުއަރީ މަސް ނިމުމުގެ ކުރިން މިނިމަމް ވޭޖް ކަނޑައަޅާ ނިންމާނެކަމަށް އިކޮނޮމިކް މިނިސްޓަރ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި އެ މިނިސްޓްރީން އެކުލަވާލި ރިޕޯޓު ވަނީ މަޖިލީހުގެ ލަފަޔަކަށް އެދި ފޮނުވާފައެވެ. މިނިމަމް ވޭޖް ކަނޑައެޅޭނީ މަޖިލީހުގެ ލަފާ ލިބުމުން އަދި ފަނަރަ ވަރަކަށް ދުވަހުގެ ތެރޭގައި ކަމަށް މިނިސްޓަރ ފައްޔާޒް އިއްޔެ ވަނީ ވިދާޅުވެފައެވެ.