ޚަބަރު

ޗެކްރިޕަބްލިކް ސަފީރުގެ ހިފެހެއްޓުމެއްނެތް ތަޢުރީފް މިނިސްޓަރ ޝާހިދަށް


ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރުމަށް ކުރައްވާ މަސައްކަތްޕުޅަށް ޗެކްރިޕަބްލިކުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިލަން ހޮވޯކާ ތަޢުރީފްކުރައްވައިފިއެވެ.

ރާއްޖެއިން ޖަރުމަނުވިލާތަށާއި، ޗެކް ރިޕަބްލިކަށް ޝެންގެން ވިސާ ދޫކުރާ ދާއިމީ އޮފީހެއް ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ސަފީރު މިލަން ހޮވޯކާ ވަނީ މިހާރު ރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި އަދާކުރަމުންދާ އިސް ދައުރަށް ތަޢުރީފުކުރައްވާފައެވެ. އެގޮތުން މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމާއި، އިންސާނީ ހައްޤުތަކުގެ ދާއިރާއިން އަދި ކުދި ޤައުމުތަށް ތަރައްޤީކުރުމަށް އެޅިފައިވާ ހުރަސްތައް ކުޑަކުރުމަށް ކުރާ މަސައްކަތް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސަފީރު މިލަން ހޮވޯކާ ވަނީ މި މަސައްކަތުގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އަދާކުރައްވަމުންގެންދަވާ ދައުރަށް ތަޢުރީފްކުރައްވާ ވާހަކަފުޅުދައްކަވާފައެވެ.

މީގެ އިތުރުން މިދިަޔަ އަހަރު ބޭއްވި ޔޫރަޕިއަން ޔޫނިއަން، އީޔޫ ޕޮލިސީ ޑައިލޮގްގައި ޚާރިޖީ ވަޒީރު ޝާހިދު ދިވެހިންނަށް ޔޫރަޕްގެ ޤައުމުތަކަށް ދަތުރުފަތުރުކުރުން ފަސޭހަކޮށްދިނުމަށް ދެއްކެވި ވާހަކަފުޅަކީ މިނިސްޓަރ ޝާހިދުގެ މިދާއިރާގައި ހުރި ޤާބިލިއްޔަތުކަން ހާމަކޮށްދޭކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު އެންމެ ފާހަގަކޮށްލާނީ ދިވެހިންނަށް ޔޫރަޕްގެ ޤައުމުތަކަށް ދަތުރުފަތުރުކުރުން ފަސޭހަކޮށްދިނުމަށް ދެއްކެވި ވާހަކަފު. މިކަމުން މިނިސްޓަރ ޝާހިދުގެ މިދާއިރާގައި ހުރި ޤާބިލިއްޔަތުކަން ހާމަކޮށްދޭކަމެއް." ސަފީރު މިލަން ހޮވޯކާ ފާހަގަކުރެއްވިއެވެ.

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދަށް ތަޢުރީފު ކުރައްވައި ޗެކްރިޕަބްލިކް ސަފީރު ވާހަކަފުޅު ދައްކަވާފައިވާއިރު، މި ސަރުކާރުން ޚާރިޖީ ދާއިރާގައިވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. ވަޒީރު އަބްދުﷲ ޝާހިދު ވަނީ ނިމިދިޔަ 2019 ވަނަ އަހަރު އެކަނިވެސް 80 އަށްވުރެ ގިނަ ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރާއްޖޭއާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް ގިނަ ގުނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ.

ޚާރިޖީ ވަޒީރު ޝާހިދުގެ މަސައްކަތްޕުޅު ބިނާވެފައި އޮންނަނީ ޤައުމުތަކަށް ދަތުރުކުރައްވައި އެޤައުމުތަކުގެ އިސްފަރާތްތަކާއި ބައްދަލުކޮށް ރާއްޖެއަށް ބޭނުންވާ މާލީ އެހީތެރިކަން ހޯއްދަވައި ބައިނަލްއަޤުވާމީ ރޮންގުން ރާއްޖެއަށް ކުރިއެރުންތައް ހޯއްދެވުމަށެވެ.

ވަޒީރުކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ އަހަރުގެ ތެރޭގައި މިނިސްޓަރ ޝާހިދު ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުތަކަށް 2.8 މިލިއަން ރުފިޔާ ޚަރަދުވިއިރު، އެދަތުރުފުޅުތަކުގެ ނަތީޖާއެއްގެ ގޮތުން ހިލޭއެހީގެ ގޮތުގައި 3.21 ބިލިއަން ރުފިޔާ ރާއްޖެއަށް ލިބިފައިވާކަން ފޮރިން މިނިސްޓްރީން ވާނީ ހާމަކުރައްވާފައެވެ.

މިކަމުންވެސް މިނިސްޓަރ ޝާހިދުކުރައްވާ ދަތުރުފުޅުތަކުގެ މުހިއްމުކަން ހާމަވެއެވެ. އެމަނިކުފާނުގެ ދަތުރުފުޅުތަކުގައި ޤައުމުތަކުގެ އިސްފަރާތްތަކާއި ބައްދަލުކުރައްވައި ސަރުކާރުގެ ސިޔާސަތުތަކާއި ރާއްޖެއަށް އެކިއެކި ދާއިރާތަކުން ބޭނުންވެފައިވާ ކަންކަން ހިއްސާކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ވަނީ ހާސިލުކުރެވިފައެވެ.