ޚަބަރު

ކުރީގެ ސަރުކާރުން "ބެޔަސް ނުބެޔަސް 10000"ރުފިޔާ ދިނީ އެންމެ ދޯންޏަކަށް


ކުރީގެ ސަރުކާރުގައި "ބެޔަސް ނުބެޔަސް" ވަޢުދުގެ ތެރެއިން ދިހަ ހާސް ރުފިޔާ ދިނީ އެންމެ ދޯންޏަކަށް ކަމަށް ފިޝަރީޒް މިނިސްޓަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ، ނިމިދިޔަ ސަރުކާރުންވީ "ބެޔަސް ނުބެޔަސް" މަސްވެރިންނަށް ދިހަ ހާސް ރުފިޔާ ދިނުމުގެ ވައުދުގެ ދަށުން ފައިސާ ދީފައިވަނީ ށ.އަތޮޅަށް ނިސްބަތްވާ ދޯންޏަކަށްކަމަށެވެ. މިނިސްޓަރ ވިދާޅުވީ "ބެޔަސް ނުބެޔަސް" ވަޢުދަކީ މިހާރުގެ ސަރުކާރުގެ ސިޔާސަތަކަށް ނުވުމާއެކު މިހާރު އެވައުދުގެ ދަށުން ދޯނިތަކަށް ފައިސާދިނުމުންގެ ކަންކަން ތަންފިޒުކުރަމުން ނުދާކަމަށެވެ.

މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ ކުރީގެ ސަރުކާރުން މަސްވެރިން ބާނާ މަސްގަތުމަށްފަހު ލާރިނުދެވި ގިނަ މަސްތަކެއް ވޭތުވެގެން ދިޔަނަމަވެސް މިހާރު މާގިނަ ދުވަސްތަކެއްނުވެ މަސްވެރިންނަށް ލާރިދެވޭކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ މިހާރު ކުރީ ސަރުކާރުގައި އޮތްހެން އެތައްމަހެއްވެ ފައިސާ ނުދައްކާ ބިލްތަކެއް ނުހުންނާނެ. އެންމެ ގިނަވިޔަސް ދެހަފްތާއޭ. ދެން އެނގިވަޑައިގަންނަވާނެ މިވަގުތު މިފްކޯގެ ހާލަތު ހުރިގޮތުން މިފްކޮއިން މަސް މިވިއްކަނީ ގަނޑުކޮށް. އަޅުގަނޑުމެން މި ސިނާޢަތައް ގެންނަޖެހޭ ބަދަލުތައް މިދަނީ ކުރަމުން. އެކަމަށް ހުރި ދަތިތައް ހައްލުކުރުމަށް ދަނީ މަސައްކަތްކުރަމުން" މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

މިނިސްޓަރ ޒަހާ ވިދާޅުވީ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމައްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިފްކޯގެ ކަންކަން ހަރުދަނާކުރުމަށް ކުރަމުންދާއިރު، މަސްވެރިން ބާނާ މަސް ގަތުމަށާއި މަހުގެ ވިޔަފާތިތައް ކުރުމަށް ށ."ކީކިމިނި" ތަރައްޤީކުރުމަށް އައިލަންޑް އެންޓަރޕްރައިސަސްއާއެކު ހަދާފައިވާ އެގްރީމެންޓާ އެއްގޮތަށް މިހާތަނަށްވެސް އެތަން އޮޕަރޭޝަނަނަށް އައިސްސްފައި ނުވާތީ އެއެގްރީމަންޓް ނިމުމަކަށް ގެންނައުމުގެ މަސައްކަތްކުރަމުންދާކަމަށެވެ.

މީގެ އިތުރުން ގދ.ހޯޑެއްދޫގައި މަސް ގަތުމުގެ ގޮތުން މަސް ބަނދަރެއް ހެދުމަށް ހަދާފައިވާ އެގްރީމެންޓްގެ ކަންކަންވެސް މިހާރުބަލަމުންދާކަމަށާއި، ބަލަންޖެހޭ ކަންކަމަށްފަހު އެގްރީމަންޓް ނިމުމަކަށް ގެންނަންޖެހޭނަމަ އެކަންވެސް ކުރާނެކަމަށް މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.