ޚަބަރު

ރިޕޯޓް ދިރާސާކުރުމަށްފަހު އެންމެ ކުޑަ އުޖޫރައިގެ ޢަދަދު، މަޖިލީހުން ކަނޑައަޅާނެ - ނަޝީދު


އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖްގެ ގޮތުގައި މަޖިލީހުގެ އިޤްތިޞާދީ ކޮމިޓީން ޢަދަދެއް ކަނޑައަޅާނެކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިނިމަމް ވޭޖް ރިޕޯޓާ ގުޅިގެން މަޖިލީހުން ކުރައްވާ މަސައްކަތްތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ، މިނިމަމް ވޭޖްގެ މަސައްކަތާއި ގުޅިގެން މިނިސްޓްރީ އޮފް އިކޮނަމިކް ޑިވޮލަޕްމަންޓުން ސީޓިއެއް ފޮނުއްވުމާއެކު އެކަމާގުޅޭ ރިޕޯޓް އިޤްތިސާދީ ކޮމެޓީއަށް ފޮނުވައި އެރިޕޯޓް ދިރާސާ ކުރައްވަމުންދާކަމަށެވެ.

އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖާ ގުޅޭގޮތުން އެކުލަވާލައި މަޖިލީހަށް ފޮނުވި ރިޕޯޓު އިޤްތިސާދީ ކޮމިޓީން ދިރާސާކޮށް، ކަމުގެ ތަޖްރިބާކާރުންގެ ލަފަޔާއި މަޝްވަރާ ހޯއްދަވާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

"މިނިސްޓަރު އެދިފައިވަނީ މަޖިލީހުގެ ލަފަޔަކަށް. އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް މިނިސްޓަރުވަނީ ކަމާއި ގުޅޚޭ ބޯޑުގެ ލަފާ ހޯއްދަވާފައި. އެބޯޑިގެ ރިޕޯޓު މިނިސްޓަރު މި މަޖިލީހަށް ފޮނުވީ އަޅުގަނޑުމެން އެރިޕޯޓާއި ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު، މިނިސްޓަރަށް އަދަދެއް އެރުވުން އަޅުގަނޑަށް ފެންނަގޮތުގައި މިހާރު މިކަމުގައި ކުރަން އޮތްކަމަކީ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިނިމަމް ވޭޖާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައި މިވަނީ، ފެބްރުއަރީ މަސް ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރަ ކަނޑައެޅޭނެކަމަށް އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް ކުރިން ވިދާޅުވިނަމަވެސް މިނިމަމް ވޭޖް ކަނޑައެޅޭނީ މަޖިލީހުގެ ލަފާ ލިބުމުން އަދި 15 ވަރަކަށް ދުވަހުގެ ތެރޭގައި ކަމަށް މިނިސްޓަރ ފައްޔާޒް އިއްޔެ ވިދާޅުވެފައިވަނިކޮށެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުން ލަސްވަމުންދާކަމަށްބުނެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުވެފައިވާއިރު މިނިސްޓަރ ފައްޔާޒް ވަނީ އެކަމަށް މާފަށް އެދިވަޑައިގެންފައެވެ.

މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތްތައްކުރި ބޯޑުން މިނިސްޓަރަށް ލަފާއަރުވާފައިވަނީ މިނިމަމް ވޭޖުގެ ގޮތުގައި ހަހާސް ހަތަރު ސަތޭކަ ރުފިޔާ ހަމަޖެއްސުމަށްކަމަށް މިނިސްޓަރ ފައްޔާޒް ވަނީ ވިދާޅުވެފައެވެ. މިނިމަމްވޭޖް ކަނޑައެޅުމުގައި ހަ ދާއިރާއެއްވަނީ ޚާއްސަކޮށްފައެވެ. އެދާއިރާތަކަކީ ޓޫރިޒަމްގެ ދާއިރާއާއި، އިމާރާތްކުރުމުގެ ދާއިރާއާއި، މަސްވެރިކަމާއި، ތައުލީމީ ދާއިރާއާއި، ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރީގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާއެވެ.