ޚަބަރު

ގްރީން ކްލައިމެޓް ފަންޑުގެ އެހީ ހޯދުމަށް ތައްޔާރުކުރި ޤައުމީ އިސްތިރާޖީ ފްރޭމްވަރކް އިފްތިތާހްކޮށްފި


"ގްރީން ކްލައިމެޓް ފަންޑް" (ޖީ.ސީ.އެފް) ގެ އެހީ ހޯދުމަށް، ރާއްޖޭގެ ފަރާތުން ކުރިއަށް އޮތް 5 އަހަރު ދުވަހު އިސްކަންދޭނެ ދާއިރާތައް ކަނޑައަޅާ ތައްޔާރުކުރި "ޤައުމީ އިސްތިރާޖީ ފްރޭމްވަރކް" އިފްތިތާޙްކޮށްފިއެވެ.

ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި، "ޤައުމީ އިސްތިރާޖީ ފްރޭމްވަރކް" ނުވަތަ "ނެޝަނަލް ސްޓްރެޓީޖިކް ފްރޭމްވަރކް ޓު މޮބިލައިޒް އިންޓަރނޭޝަނަލް ކްލައިމެޓް ފައިނޭންސް އިން ދަ މޯލްޑިވްސް" އިފްތިތާޙުކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދުއެވެ.

ޤައުމީ އިސްތިރާޖީ ފްރޭމްވަރކަކީ ޖީ.ސީ.އެފް އާއި އދ. ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާގެ އެހީލިބިގެން ކުރިއަށްގެންދާ މަޝްރޫޢެއްގެ ދަށުންއެކުލަވާލި ފްރޭމްވަރކެކެވެ. މި ފްރޭމްވަރކް ތައްޔާރުކުރުމުގެ މަސައްކަތް އިފްތިތާޙުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. މި ފްރޭމްވަރކަކީ ގާތްގަނޑަކަށް 1 އަހަރުދުވަހުގެ މަސައްކަތުގެ ނަތީޖާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ހަސަން ވިދާޅުވީ ތިމާވެއްޓާ ގުޅޭ ކަންކަން ހައްލުކުރުމަށްޓަކައި އަބަދުވެސް ބޭރުގެ ފަރާތްތަކުގެ އެހީ ހޯދަމުންދާކަމަށެވެ. އަދި ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކަށް ދަޢުލަތުގެ ބަޖެޓުން 35 އިންސައްތަ ހޭދަކުރާކަމަށާއި 65 އިންސައްތައަކީ ބޭރުގެ އެކި ފަރާތްތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަޝްރޫޢުތައް ކަމަށެވެ. އަދި ބޭރުގެ އެހީހޯދުމާއެކުވެސް ރާއްޖޭގެ ފެންވަރުގައި ކުރެވެން ހުރި މަސައްކަތްތައް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޤައުމީ އިސްތިރާޖީ ފްރޭމްވަރކް" ގައި ޖީ.ސީ.އެފްއަށް 2020 އިން ފެށިގެން ކުރިއަށް އޮތް 5 އަހަރު ދުވަހު ރާއްޖެއިން ތައްޔާރުކުރާ ޕައިޕްލައިންގެ ގޮތުގައި ވަނީ ޖުމްލަ 438 މިލިއަން ޔޫ.އެސް ޑޮލަރު ހޯދުމަށް 31 ޕްރޮޖެކްޓް ކޮންސެޕްޓް ހިމަނާފައެވެ. މި ޕައިޕްލައިން އެކުލަވާލާފައިވަނީ ސަރުކާގެ ކަމާބެހޭ މިނިސްޓްރީތަކާއި، ކައުންސިލްތަކާއި، މަދަނީ ޖަމާޢަތްތަކާއި، އަދި މިދާއިރާގައި ޙަރަކާތްތެރިވާ އަމިއްލަ ވިޔަފާރިތަކުގެ ޚިޔާލާ މަޝްވަރާވެސް ފުޅާދާއިރާއެއްގައި ހޯދައިގެންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ޖީ.ސީ.އެފް އިން އެހީދޭ ހުރިހާ ދާއިރާތަކެއްގެ މަޝްރޫޢު މި ޕައިޕްލައިންގައި ވަނީ ހިމަނާފައެވެ.

މީގެ ތެރޭގައި ގޮނޑުދޮށް ޙިމާޔަތްކުރުން، ދިރޭތަކެތީގެ ނަޞްލުތައް ރައްކާތެރިކުރުން، ދަނޑުވެރިކަން، މަސްވެރިކަން، ފަތުރުވެރިކަން، އިޔާދަކުރަނިވި ހަކަތަ އަދި ދަތުރުފަތުރު ފަދަ ދާއިރާތައް ހިމެނެއެވެ. މި ޕައިޕްލައިންގައި ހިމެނޭ މަޝްރޫޢުތަކަކީ ސަރުކާރުން މިހާރު ތަންފީޒުކުރަމުން ގެންދާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ވެސް އެހީތެރިވެދޭ މަޝްރޫޢުތަކެއްކަމަށް އެންވަޔރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. ގޮތުން ޖަޒީރާ ދިރިއުޅުމާއި ނޫ އިޤްތިސާދު ކުރިއެރުންފަދަ ލަނޑުދަނޑިތަކަށް ވަކިން ޚާއްޞަކޮށް މި މަޝްރޫޢުތަކުން ބާރުއަޅާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.