ޚަބަރު

ހއ. އަތޮޅު މަދަރުސާގައި ކުރިއަށް ގެންދިޔަ ފުރާވަރު ކޭމްޕް ނިންމާލައިފި


އަޚުލާޤް ހެޔޮ ގޮތުގައި ބައްޓަން ކޮށް ކުށްމަދު މުޖްތަމަޢެއް ބިނާކުރުމަށް ކުރިއަށް ގެންދިޔަ އަމާންވެށި ކޭމްޕް ނިންމާލައިފިއެވެ.

މިއީ ކުށްމަދު މުޖްތަމައެއް ބިނާކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސާނަވީ މަރުހަލާގައި ތަޢުލީމު ޙާޞިލު ކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން، ހއ. ހޯރަފުށީ މަދަރުސާގައި ކުރިއަށް ގެންދިޔަ ކޭމްޕެކެވެ.

ހއ. އަތޮޅު މަދަރުސާގައި ކުރިއަށް ގެންދިޔަ މި ކޭމްޕްގައި ވަނީ ދިރިއުޅުމުގެ ރިވެތި އަދަބުތައް ދަރިވަރުންނަށް ދަސްކޮށްދިނުމާއި ރަނގަޅު ތަރުބިއްޔަތަށް މަގުދައްކައިދީ ހަރުދަނާ ބައެއްގެ ގޮތުގައި ދެމިތިބުމަށް ބާރުއަޅައިދޭ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި ކުށުގެ ނުރައްކަލުން ދުރުހެލިވެ ރައްކާތެރި މުޖުތަމަޢެއްގައި ދިރިއުޅުމަށް ދަރިވަރުންގެ އުޅުން ބައްޓަންކުރަންވީ ގޮތާއި ޤައުމީ ލޯބި ލިބިގެންވާ ބައެއްގެ ގޮތުގައި މުޖުތަމަޢަށް ނުކުތުމުން ލިބިގެންދާނެ ފައިދާތައް އޮޅުންފިލުވައިދީފައިވެއެވެ. އަދި އިންޓަރނެޓުގެ ޒަރީއާއިން ކުރިމަތިވާ ކުށްތަކަކީ ކޮބައިކަން ބުނެދީ އެފަދަ ކުށްތަކުން ދުރުހެލިވެ ރައްކާތެރިވެ ތިބުމަށް ދަރިވަރުން މަސައްކަތްކުރަންވީ ގޮތްތައް ބުނެދީފައިވެއެވެ. އަދި އިސްލާމީ މުޖުތަމަޢެއްގައި ހަރުދަނާ ރަށްވެއްސެއްގެ ގޮތުގައި ދިރިއުޅުން އާރާސްތު ކުރުމަށް ބޭނުންވާ މަޢުލޫމާތު ދިނުމުގެ އިތުރުން މަދަރުސީ ތަޢުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަން ކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައްޗަށްވެސް މަޢުލޫމާތުދީ ހުނަރުތައް ދަސްކޮށްދީފައިވެއެވެ.

ފުލުހުންގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓާއި ހޯރަފުށީ ޕޮލިސް އަދި ހއ. އަތޮޅު މަދަރުސާ ގުޅިގެން ކުރިއަށް ގެންދިޔަ މި ކޭމްޕްގައި 98 ދަރިވަރުން ބައިވެރިވެ ވިއެވެ.