ޚަބަރު

ފެބްރުއަރީ މަހު އެކަނިވެސް 68 މީހުން ޖަލަށްލި، ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހުން


މިދިޔަމަހު އެކަނިވެސް އެކި ކުށްތަކުގައި ފަސްދޮޅަސް އަށް މީހުން ޖަލަށް ގެންގޮސްފައިވާކަމަށާ، އޭގެތެރެއިން، ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ މީހުންކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވެއްޖެއެވެ.

ޖަލުތަކުގެ ކަންކަން ޙައްލުމުކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވީ، ޖަލުން މީހުން ނެރޭ އަދަދަށްވުރެ ޖަލަށްވައްދާ މީހުންގެ އަދަދު ނިސްބަތުން މާބޮޑަށްވެސް ގިނަކަމަށެވެ.

އެގޮތުން މިދިޔަ މަހު ޖަލަށްލީ 68 މީހުންގެ ތެރެއިން 52 މީހުންނަކީ އެކިއެކި ކުށްތައް ސާބިތުވެގެން ޖަލަށް ލެވިފައިވާ މީހުންކަމަށާ، ޖަލަށް ގެންދިޔަ ޤައިދީންގެ ތެރެއިން އެންމެ ގިނައީ މަސްތުވާތަކެތީގެ އެކިއެކި މައްސަލަތަކާއި ގުޅިގެން ޙުކުމް ކުރި މީހުންކަމަށް ސީޕީ އަޙްމަދު ވިދާޅުވިއެވެ. މީގެއިތުރުން ވައްކަމުގެ މައްސަލަތަކާއި، ތޫނު ހަތިޔާރު ގެންގުޅުންފަދަ މައްސަލަތައް ސާބިތުވެ ޖަލަށްލީ މީހުންވެސް ހިމެނޭކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.

"އޭގެތެރެއިން 16 މީހުންނަކީ ޝާރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާމީހުން. އޭގެތެރެއިންވެސް އެންމެ ގިނަ ބާވަތެއްގެ މައްސަލައެއް އަޅުގަނޑަށް މިފާހަގަކުރެވެނީ މަސްތުވާތަކެތި، އެގޮތުން 31 މީހަކު މަސްތުވާތަކެތީގެ ތަފާތު މައްސަލަތަކުގައި ގެނެސްފައިވޭ. ދެވަނަކަމަކަށް ވައްކަންކުރުމުގެ މައްސަލަ. އަދި މާރާމާރީތަކާއި، ހުއްދަނޫންތަނަށް ވަނުމާއި، ތޫނުހަތިޔާރު ބޭނުންކުރުންފަދަ މައްސަލަތައް ފާހަގަކުރެވުނީ" ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.

ކުރިން އިންސްޕެކްޓަރ އޮފް ކަރެކްޝަންސްގެ މަޤާމުވެސް އަދާކުރައްވާފައިވާ އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވީ ޖަލަށްލާން ހުކުމްކުރާ މީހުންގެ ތެރެއިން ޕެރޯލްގެ ދަށުން ދޫކުރާ ޤައިދީންނަށް ފަސޭހަ އަދި އަވަސް ގޮތަކަށް އެކަން ކުރެވެނެ އިންތިޒާމު ހަމަޖެއްސުމަށް ޕެރޯލް ބޯޑާއެކުވެސް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ކަރެކްޗަނަލް ސަރވިސުން ބަލަހައްޓަމުންދާ ޕެރޯލް އޮފީހުގެ ހިންގުން ހަރުދަނާކުރުމަށް އިތުރު އޮނިގަނޑެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވެއެވެ.
ބޮޑެތި ކުށްތަކުގައި ޖަލަށްލާ ޤައިދީން ނޫން އެހެން ފަރާތްތަކަށް، ޙުކުމުގެ ހަތަރުބައިކުޅަ އެއްބައި ތަންފީޒުކޮށް ނިމުމާއެކު ހަމަސް ކުރިއަށްއޮއްވައި، ޕެރޯލަށް އެދެވޭނެކަމަށާ، ވޭތިވެދިޔަ ހަމަހުގެ ތެރޭގައިވެސް ޕެރޯލަށް އެދި 270 މީހުން ފޯމް ހުށަހަޅާފައިވާކަމަށް އަޙްމަދު މުޙައްމަދު ވިދާޅުވިއެވެ.

"ފޯމް ހުށައަޅާފައިވީނަމަވެސް އޭގެތެރެއިން ޝަރުތުހަމަ ވަނީ 156 މީހުންނަށް. މިދެންނެވިހެން އެކި އެކި މަރުހަލާތަކުން މީހުން އޮމިޓްވަމުންއެބަދޭ. ދެން ޝާރުތު ހަމަވާ މީހުންގެ ތެރޭގައިވެސް އެބަފާހަގަވޭ އެކިއެކި ސަބަބުތަކާއިހެދި އާއިލާތަކުން ބަލައިނުގަންނަ މީހުން. އެގޮތަށްވުމުން އެމީހުންގެ ފޯމް ބާތިލްވާގޮތްވަނީ" ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.

މިހާރުވެސް ޕެރޯލްގެ ދަށުން ދޫކޮއްލާފައިވާ 36 މީހަކު މުޖުތަމަޢުގައި އުޅޭއިރު، މިގޮތަށް ދޫކޮށްލާ މީހުންނަށް ޕެރޯލް ބޯޑުން އެއް އަހަރުދުވަހަށް ޝަރުޠުތަކެއް ކުރެއެވެ. އެމުއްދަތުގެ ތެރޭގައި ޕްރޯލް އޮފީހަށް ހާޒިރުވެ، އަދި ޔޫރިން ދިނުމާއި، ކަނޑައެޅުނު ވަކި ސެޝަންތަކަކަށް ހާޒިރުވެ ޕެރޯލް އޮފިސަރަށް ރިޕޯޓްކުރަންޖެހެއެވެ.

ޕެރޯލް ބޯޑަށް ފޯމް ހުށައެޅި 156 މީހުންގެ ތެރެއިން ޝަރުތުހަމަވެ ޝޯޓްލިސްޓުކުރި 61 މީހުން ބޯޑަސް ހުށަހަޅަން ތައްޔާރުވެފައިވަނިކޮށް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަޢާފަކުން 28 މީހަކު މިހާރު މުޖްތަމަޢަށް ދޫކޮށްލާފައިވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.