ޚަބަރު

އަލްހަރަމައިން އިން މަރޗްމަހުގެ ޢުމްރާ ދަތުރު ކެންސަލްކޮށް ފައިސާ ދޫކުރަނީ


އަލްހަރަމައިން ޙައްޖު އެންޑް އުމްރާއިން މިމަރޗްމަހުގެ ޢުމްރާ ދަތުރު ކެންސަލްކޮށް އުމްރާއަށް ފައިސާދެއްކެވި ފަރާތްތަކަށް އެފައިސާ ދޫކުރެއްވުމުގެ ކަންކަން ކުރައްވަމުންދާ ކަމަށް އެޖަމާޢަތުން ހާމަކުރައްވައިފިއެވެ.

އަލްހަރަމައިން އުމްރާ ދަތުރު ކެންސަލްކޮށް ފައިސާ ދޫކުރަން ނިންމީ ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ސަޢުދީ އަރަބިއްޔާއިން ވިސާ ދޫކުރުން ހުއްޓާލާ މިހާރުން ފެށިގެން ވަގުތީގޮތުން ސަޢުދީ އަރަބިއްޔާއަށް އެތެރެ ނުވެވޭނެކަން އާއްމުކޮށް އިޢުލާންކޮށްފައިވާތީއެވެ.

އުމްރާ ދަތުރާ ގުޅިގެން އެޖަމާޢަތުން ބައެއް ކަންކަމަށް ޚަރަދުކޮށްފައިވީނަމަވެސް އާއްމު ފަރާތްތަކުން އުމްރާއަށް ދެއްކެވި ފައިސާއިން އެއްވެސް މިންވަރެއް އުނިނުކޮށް އެފަރާތްތަކަށް ފައިސާ ދޫކުރުމަށް އަލްހަރަމައިންވަނީ ނިންމަވާފައެވެ. އެެހެންކަމުން އަލްހަރަމައިންގެ މަރޗްމަހުގެ އުމްރާ ދަތުރަށް ފައިސާ ދެއްކެވި ފަރާތްތަކުން ލަސްނުކޮށް ކުންފުނީގެ އޮފީހަށް ވަޑައިގެން ފައިސާ ނެންގެވުމަށް އެޖަމާޢަތުންވަނީ އަންގަވާފައެވެ.

އަލްހަރަމައިންގެ މަރޗްމަހުގެ އުމްރާ ދަތުރު ކެންސަލް ކުރި ނަމަވެސް މިއަހަރުގެ ރަމަޟާންމަހުގެ އުމްރާ ދަތުރުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް އެޖަމާޢަތުން ވިދާޅުވެއެވެ.

އުމުރާއަށް މީހުން ގެންދިއުމުގެ ކަންކަން މަޑުޖައްސާލަން ޢުމުރާއަށް މީހުން ގެންދާ ކުންފުނިތަކަށް އިސްލާމިކް މިނިސްޓްރީންވެސްވަނީ އަންގަވާފައެވެ.