ޚަބަރު

ކޯވިޑް 19 އާއި ގުޅިގެން ސްކޫލުތަކުގެ އިތުރު ހަރަކާތްތައް މެދުކަނޑާލަން އަންގައިފި


ކޯވިޑް 19 އާއި ގުޅިގެން ސްކޫލުތަކުގެ އިތުރު ހަރަކާތްތައް މެދުކަނޑާލަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސަރކިއުލާގައި ވަނީ ކޯވިޑް 19 ރާއްޖެއަށް އަތުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި އެހެންކަމުން ބަލިތަކުން ދަރިވަރުން ރައްކާތެރި ކުރުމަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން މެއި މަހުގެ 20 ވަނަ ދުވަހާއި ހަމައަށް އިތުރު ހަރަކާތްތައް ކުރިއަށް ނުގެންދިޔުމަށް ވަނީ އަންގާފައެވެ.

މީގެ ތެރޭގައި ހިމެނެނީ އަމަލީ ދަތުރުތަކާއި ކުޅިވަރު މުބާރާތްތައް، ޕްރެކްޓިސްތައް، ގިނަ ދަރިވަރުން ބައިވެރިވެގެން ހިންގާ އިޖުތިމާއީ ހަރަކާތްތަކާއި ސްކޫލުން ބޭރުން ކުރިއަށް ގެންދާ ޔުނީފޯމު ހަރަކާތްތަކާއި އޯވާނައިޓު ހޭދަކުރާގޮތަށް ކުރިއަށްގެންދާ ކޭމްޕުތަކާއި ކޮންސެޓުތަކެވެ.

މީގެ އިތުރުން ސްކޫލު ފެއާތަކާއި އެކްޓިވިޓީ ކަލަންޑަރުގައި މާޗު މަހުން މެއި މަހުގެ ނިޔަލަށް ހިމަނާފައިވާ އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދިޔުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.

މިނިސްޓްރީން ވިދާޅުވީ ކޯވިޑް 19 ޓާސްކް ފޯހުގެ ލަފަޔާއެކު ސްކޫލު ދަރިވަރުންގެ އިތުރު ހަރަކާތްތައް ކުރިއަށް ގެންދާނެގޮތް ކުރިއަށް އޮތްތަނުގައި ސްކޫލުތަކަށް އަންގަމުން ދާނެކަމަށެވެ. އަދި ސްކޫލުތައް ބަންދުކުރަން ޖެހިއްޖެ ހާލަތެއް އަތުވެއްޖެނަމަ އެކަންވެސް ސްކޫލުތަކަށް އަންގާނެ ކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

ކޯވިޑް 19ގެ އިތުރުން އިތުރު ހަރަކާތްތައް މެދުކަނޑާލި އަނެއް ސަބަބަކީ ހިމަބިހި ކޮންޓްރޯލު ކުރުން ކަމަށްވެސް އެޑިއުކޭޝަނުން ވިދާޅުވެއެވެ.

އެޑިއުކޭޝަނުން ވިދާޅުވީ ކޯވިޑް 19 ރާއްޖެ އައުމުގެ ފުރުސަތު ކުޑަކުރުމަށާއި އެ ބަލި ރާއްޖެއިން ފެނިއްޖެނަމަ ބަލި ކޮންޓްރޯލު ކުރުމަށް ސަރުކާރުން ފިޔަވަޅުތައް އަޅަމުންދާކަމަށެވެ.