ޚަބަރު

ކޯވިޑް-19 ފެތުރޭތީ އީރާނުގެ ރައްޔިތުން ގެއިން ނުނިކުތުމަށް ރަސްމީ އިދާރާތަކުން އަންގައިފި


އީރާނުގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު ސާޅީހަށްވުރެ މައްޗަށް އެރުމުން އެޤައުމުގެ ރައްޔިތުން ގޭގައި މަޑުކުރުމަށް ކަމާބެހޭ އިދާރާތަކުން އަންގައިފިއެވެ.

ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާއަށްފަހު ދެވަނައަށް އެންމެ ގިނައިން އެބަލީގައި މީހުން މަރުވެފައިވަނީ އީރާނުގައެވެ. އެޤައުމުގެ ރަސްމީ އިދާރާތަކުން ބުނީ ވައިރަހުގެ އަސަރުކޮށްފައިވާ މީހުންގެ ޢަދަދު 593އަށް އަރާފައިވާކަމަށެވެ.

އީރާނުގައި އެންމެ ފުރަތަމަ ކޯވިޑް-19 ފެނިފައިވަނީ މިދިޔަ މަހު ނަވާރަވަނަ ދުވަހެވެ. ވައިރަސް ފެނިފައިވާ މީހުންގެ ތެރެއިން %10 މީހުން މިހާތަނަށްވަނީ ބަލީގައި މަރުވެފައެވެ. ދުނިޔޭގެ އެހެން ސަރަޙައްދުތަކުގައި މަރުވާ މީހުންގެ ނިސްބަތަކީ ބަލިޖެހޭ މީހުންގެ %3އެެވެ. އީރާނުގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 9 މީހުން ވައިރަހުގެ ސަބަބުން މަރުވެފައިވާކަމަށް އީރާނުގެ ޞިއްޙަތާއިބެހޭ ވުޒާރާގެ ތަރުޖަމާނު ކިއަނުޝް ޖަހަންޕޫރު ވިދާޅުވިއެވެ. އީރާނުގެ ޞިއްޙަތާއިބެހޭ ވަޒީރު ސަޢީދު ނަމާކީވަނީ ކުރިއަށްއޮތް ހަފުތާއަކީ ވަރަށް އުނދަގޫ ހަފުތާއަކަށްވާނޭކަމަށް ވިދާޅުވެފައެވެ.

ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އީރާނުގެ ވެރިކަންކުރާ ތެހްރާނުގެ ސުކޫލުތައް އަންގާރަ ދުވަހާ ހަމައަށްވަނީ ބަންދުކޮށްފައެވެ. އަދި ޔުނިވަސިޓީތަކާއި ޝޯތަކާއި ކުޅިވަރު ޙަރަކާތްތައް އިތުރު އެއް ހަފުތާގެ މުއްދަތަށް ނުބޭއްވުމަށްވަނީ އަންގާފައެވެ. ހަސްފަތާލުތަކާއި ސިޢްޙީ ޙިދުމަތްދޭ މަރުކަޒުތަކުގައި ތިބި މީހުނަށް ޒިޔާރަތްކުރުންވެސް އެޤައުމުގެ ރަސްމީ އިދާރާތަކުން ވަނީ މަނާކޮށްފައެވެ. އަދި އެތެރޭގެ ދަތުރުތައް ހުއްޓާލާ ޤާނޫނުހަދާ މަޖިލިސްވެސްވަނީ ވަގުތީގޮތުން ބަންދުކޮށްފައެވެ.

އީރާނުގެ ސަރުކާރުގެ އިސްވެރިންނަށްވެސްވަނީ ކޯވިޑް-19 ޖެހިފައެވެ. އެގޮތުން ޞިއްޙަތާއިބެހޭ ވަޒީރުގެ ނައިބަކާއި އިތުރު ވަޒީރެއްގެ ނައިބަކާއި ޤާނޫނުހަދާ މަޖިލީހުގެ 5 މެމްބަރެއްގެ ގައިން ވައިރަހުގެ އަސަރުވަނީ ފެނިފައެވެ. އަދި އަލަށް އިންތިޚާބުވި އެއް މެންބަރަކުވަނީ ވައިރަހުގެ ސަބަބުން މަރުވެފައިވާކަމަށް އީރާނުގެ ނޫސްތަކުން ބުނެއެވެ.

އީރާނުގެ ރައީސް ޙަސަން ރޫޙާނީ ވިދާޅުވީ ކޯވިޑް-19އަކީ މުޅިދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުމެއް ކަމަށާއި ހުރިހާ ޤައުމެއް އެކުގައި މަސައްކަތްކޮށްގެން މެނުވީ ވައިރަހާ ދެކޮޅަށް ކާމިޔާބު ނުވާނެކަމަށެވެ. ނަމަވެސް ވައިރަސް ފެތުރެމުންދާތީ އެމެރިކާއިން އީރާނަށް އެހީތެރިވުމަށް ހުށަހެޅުމުން އީރާނުންވަނީ އެހުށަހެޅުމަށް ދެކޮޅުހަދާފައެވެ.