ޚަބަރު

ދިއްދޫއިން ޕްލާސްޓިކް ހުސްކުރުމަށް ނަމޫނާ ހަރަކާތްތަކެއް


ހއ ދިއްދޫއިން ޕްލާސްޓިކް ހުސްކުރުމަށް ނަމޫނާ ހަރަކާތްތެއް ފަށައިފިއެވެ.

މިއީ ހއ އަތޮޅު ތައުލީމީ މަރުކަޒުގެ ސައިންސް އެންޑް އެންވަޔަރަމަންޓް ކުލަބާއި މިޑްލް ސްޕޯޓްސް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ޕްލާސްޓިކް އެއްކުރުމުގެ އިތުރަށް ގަސް އިންދުމަށް ހިންގާ ޕްރޮގްރާމެކެވެ. މިކަން އިފްތިތާޙް ކުރުމަށް ޚާއްޞަ ރަސްމިއްޔާތެއް އެމަރުކަޒުގައި ވަނީ ބާއްވާފައެވެ

ޕްލާސްޓިކް ހުސްކުރުމަށް ހިންގާ މިހަރަކާތުގެ ތެރޭގައި ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ބައެއް ދަރިވަރުން، ރަށުތެރޭގައި ހުރި ޕްލާސްޓިކް ހުސް ފުޅި ހޮވުމުގެ މުބާރާތެއް ހިމެނެއެވެ. އެގޮތުން ސުކޫލުގެ ދަރިވަރުންނަށް މިހާރު ވަނީ ސުކޫލުން ކަނޑައަޅާ ގޮތަކަށް ކޮންމެ 2 ހަފުތާއަކުން، ދުވަހެއްގައި އެކުދިންނަށް އެއް ކުރެވޭ ޕްލާސްޓިކް، ސުކޫލަށް ގެންދިއުމަށް އިރުޝާދު ދީފައެވެ.

މިހަރަކާތުގައި 800 ފުޅި އެއްކުރާ ދަރިވަރަކަށް ރަން މެޑެލް ލިބޭއިރު 600 ފުޅި އެއްކުރާ ދަރިވަރަކަށް ރިހި މެޑަލެއް ދޭން ވަނީ ހަމަޖައްސާފައެވެ.

މިހަރަކާތުގައި އެއްކުރެވޭ ޕްލާސްޓިކު ބޭނުން ކޮށް ރީސައިކަލް ކުރުމަށް ޕާރލޭ ޖަމިއްޔާއާއިއެކު ކުރިއަށްދާނެކަމަށް މިޑްލްސް ސްޕޯރސް ކުލަބުން މަޢުލޫމާތުދެއެވެ. އެގޮތުން އެރަށުގައި އެއްކުރެވޭ ޕްލާސްޓިކް އެއްކުރުމަށް ފަހު ޖަންބޯ ބޭގް ތަކުގައި ބަންދު ކުރުމަށްފަހު އެޖަމްޢިއްޔާގެ ބެލުމުގެ ދަށުން މާލެ ފޮނުވުމަށް ނިންމާފައިވާކަމަށް އެޖަމްޢިއްޔާއިން މަޢުލޫމަތު ދެއެވެ.

“ފަރުދީ ޒިންމާ އަދާކުރަމާ ހިނގާ” މިޝިޢާރުގެ ދަށުން އެރަށުގައި ހިންގާ ޙަރަކާތުގައި ކުނިގޮނޑަށް ޕްލާސްޓިކް ފުޅި އުކާލުމުގެ ބަދަލުގައި ބަނދަރުގައި ބަހައްޓާފައި ހުރި އެކަމަށް ހާއްޞަ ކޮށްފައިވާ ކޮށްޓަށާއި، އެސްކޫލުގައި ބަހައްޓާފައިވާ ކޮށްޓަށް އެޅުއްވުމަށް ވަނީ އިރުޝާދު ދީފައެވެ.

މީގެ އިތުރުން ދިއްދޫ އަކީ ފެހި ރަށެއްގެ ގޮތުގައި ހެދުމަށް އެރަށުގެ އެކި ސަރަޙައްދު ތަކުގައި ގަސް އިންދުމުގެ ޙަރަކާތެއްވެސް ވަނީ ފަށާފައެވެ.