ޚަބަރު

އޮފިޝަލުން ހޯދުމުގައި މިފަހަރުވެސް ދަތިތަކެއް، އަދިވެސް 2،340 މީހުން ބޭނުންވޭ - ޝަރީފް


މިފަހަރުގެ އިންތިޚާބަށްވެސް އޮފިޝަލުން ހޯދުމުގައި ދަތިތަކެއް އެބަހުރިކަމަށާއި، އޮފިޝަލުންގެ ގޮތުގައި އިތުރަށް 2،340 މީހުން ބޭނުންވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަނުގެ ރައީސް ވިދާޅުވީ އަންނަ އިންތިޚާބަށް 6،386 އޮފިޝަލުން ބޭނުންވާއިރު، ރަށްރަށުގައި ތިބި ސިވިލް ސާވިސް މުވައްޒަފުން ވެސް ހިމަނައިގެން މިހާތަނަށް ލިބުނީ 4،041 އޮފިޝަލުން ކަމަށެވެ. ނަމަވެސް އަދި އިތުރަށް 2،340 އޮފިޝަލުން ބޭނުންވާތީ، ސިޔާސީ ޕާޓީތަކާއި ސަރުކާރުގެ ކުންފުނިތަކާ އެކު މަޝްވަރާކޮށް، އިތުރު އޮފިޝަލުން ލިބޭތޯ ބަލަމުންދާ ކަމަށް ޝަރީފު ވިދާޅުވިއެވެ.

އީސީގެ ރައީސް ވިދާޅުވީ އޮފިޝަލުންނަށްވުމަށް ޝައުގުވެރިވާ މީހުން އެކަމަށް ކުރިމަތިލާން އެދޭ ކަމަށާއި، ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އޮތަސް މިހާރު އޮފިޝަލަކަށްވުމަށް ހުރަހެއް ނެތްކަމަށެވެ.

"މީގެ ކުރިން އިންތިޚާބުތަކުގައި ސިޔާސީ ޕާޓީތަކުގައި ރަޖިސްޓަރ ވެފައިވާފަރާތްތައް ނުނަގަން އޮފިޝަލުންގެ ގޮތުގައި. އެހެންނަމަވެސް މިޙާރު އޮފިޝަލުންގެ ގޮތުގައި މީހުން ހޯދުމުގެ ދަތިކަން އޮތުމާއި އެކީގައި ސިޔާސީ ޕާޓީެއްގައި ރަޖިސްޓްރީ ވެފައި އޮތުމަކީ އޮފިޝަކަށްވުމަށް އެޅޭނެ ހުރަހެއް ނޫން. އަދި ސިޔާސީ ޕާޓީތަކުން އޮފިޝަލުންގެ ގޮތުގައިލާ ފާރާތްތައްވެސް އަޅުގަނޑުމެން އޮފިޝަލުން ފޮށިތަކަށް ބަހާލާނީ އެއްޕާޓީއެއްގެ މީހުން އެއް ފޮއްޓެއް ޑޮމިނޭޓް ކުރާ ގޮތަކަށް ނޫން" ޝަރީފް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވިދާޅުވީ އިންތިޚާބުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށްދޭ އެލަވަންސްވެސް މިހާރު ބޮޑުކޮށްފައިވާކަމަށެވެ. އެގޮތުން ވޯޓުފޮށީގެ ވެރިޔާއަށް މިހާރު 1800 ރުފިޔާ، ވޯޓުފޮށީގެ ވެރިޔާގެ އެހީތެރިޔާއަށް 1600 ރުފިޔާ އަދި އާންމު އޮފިޝަލަލަށް 1500 ރުފިޔާ ވޯޓުލާދުވަހު ލިބޭނެކމަަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތިދިނެވެ.

އާންމު ރައްޔިތުންވެސް މި އިންތިޚާބުގައި އެ ކޮމިޝަނަށް އެހީތެރިވެދެއްވުމަށް އިލެކަޝަންސްއިންވަނީ އެދިފައެވެ.