ޚަބަރު

މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ވ. އަތޮޅުގެ 4 ރަށެއްގެ ތިމާވެށީގެ ހާލަތު ބައްލަވާލައްވައިފި


ވ. އަތޮޅުގެ 4 ރަށަކަށް ވަޑައިގެން އެ ރަށްތަކުގެ ތިމާވެށީގެ ހާލަތު އެންވަޔަރަމަންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ޙަސން ބައްލަވާލައްވައިފިއެވެ.

މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ވ. އަތޮޅުގެ ރަށްތަކަށް ކުރެއްވި މި ރަސްމީ ދަތުރުފުޅުގައި ވަޑައިގެންފައިވަނީ ވ. ފުލިދޫ، ތިނަދޫ، ރަކީދޫ އަދި ކެޔޮދޫ އަށެވެ.

މިނިސްޓަރގެ މި ދަތުރުފުޅުގައި މި 4 ރަށުގެ ކައުންސިލާއި ބައްދަލުކުރައްވައި އެ ރަށްތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން މި ދުވަސްވަރަކީ ރާއްޖޭގެ ގިނަ ރަށްތަކެއް ގިރަމުންދާ ދުވަސްވަރަކަށްވާތީ، މިނިސްޓަރ ވަނީ އެ ރަށްތަކަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައި އެ 4 ރަށުގެ ރަށްގިރާ ސަރަހައްދު ބައްލަވާލައްވާފައެވެ.

މިނިސްޓަރގެ އިތުރުން މިނިސްޓްރީގެ ޓެކްނިކަލް ޓީމެއް ވަނީ ކައުންސިލްތަކާއި ބައްދަލުކޮށް ރަށްގިރުމުގެ މައްސަލައަށް ހޯދިދާނެ އެދެވިގެންވާ ހައްލުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ހުރަސް ތޮށި ޖެހުމުން ލިބޭ ގެއްލުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ރަށާއި އަތޮޅު ފެންވަރުގައި ވަގުތީގޮތުން އެޅެން ހުރި ފިޔަވަޅުތަކާއި ގުޅޭގޮތުން ކައުންސިލަށް ވަނީ ލަފާ އަރުވާފައެވެ.

ރާއްޖޭގެ ރަށްތަކުގެ ތިމާވެށީގެ ހާލަތު ބެއްލެވުމަށް ސިލްސިލާގޮތެއްގައި ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ އެ 4 ރަށުގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވައި ކައުންސިލްތަކާއި މަޝްވަރާކުރައްވާފައެވެ.

ފެބްރުއަރީ މަހުގެ 28 އިން 29 އަށް މިނިސްޓަރ ކުރެއްވި މި ދަތުރުފުޅުގައި ކައުންސިލްތަކާއި ބައްދަލުކޮށް، ސްކޫލްތަކުގެ ދަރިވަރުން ތިމާވެށީގެ ކަންތައްތަކަށް ހޭލުންތެރިކުރުމަށް ޕްރޮގްރާމްތައް ހިންގުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

މިދުވަސްވަރަކީ ރާއްޖޭގެ ބައެއް ރަށްތައް އާދަޔާ ޚިލާފަށް ގިރަމުންދާ ދުވަސްވަރެއްކަން ފާހަގަކުރެވެއެވެ. މީގެ ސަބަބުން ބައެއް ރަށްތަކުގެ ގެތަކަށްވެސް ވަނީ އަސަރު ކޮށްފައެވެ.