ސިޔާސީ

ޖޫރިމަނާ ފައިސާ މައާފުކުރާ ބިލް އަނބުރާ ކޮމިޓީއަށް


ޤަވައިދާއި ޚިލާފަށް ޕާކްކުރުމުގެ ސަބަބުން
ޖޫރިމަނާކޮށްފައިވާ ފައިސާ މަޢާފްކުރުމަށް އެއްގަމު ދަތުރުފަތުގެ ގާނޫނަށް ހުށައެޅި
އިސްލާހު އަލުން ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާލުމަށް ފާސްކޮށްފިއެވެ. ރައްޔިތުންގެ
މަޖިލީހުން މިއަދުގެ ޖަލްސާގައި އެއިސްލާހު އަލުން ދިިރާސާކުރުމަށް އިޤްތިޞާދީ ކޮމިޓީއަށް
ފޮނުވާފައިވަނީ 71 މެމްބަރުންގެ އިއްތިފާގުންނެވެ. މިއިސްލާހު އަލުން
ދިރާސާކުރުމަށް ކޮމިޓީއަށްފޮނުވާފައިމިވަނީ، ސްޓިކާއަށް ދައްކަން ޖެހޭ ޖޫރިމަނާ މަޢާފުކޮށްދިނުމުގެ
އިތުރުން ފުލުހުން ހިފަހައްޓާފައިވާ އެއްގަމު އުޅަނދު ފަހަރުގެ ލައިސަންސް
ޖޫރިމަނާ މައާފުކޮށްދޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިސްލާހު ގެންނަންކަމަށް
ޕީޕީއެމްގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވަނީ
ވިދާޅުވެފައެވެ. މަޑަވެލީ ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު
ދަތުރުފަތުރުގެ ޤާނޫނަށް ހުށައަޅާފައިވާ އިސްލާހުގައި ވާގޮތުން، މިބިލް ގާނޫނަކަށްވެ އަމަލުކުރަން ފެށުމުގެ ކުރިން ޤަވާއިދާ
ޚިލާފަށް ޕާކްކޮށްގެން ކޮށްފައިވާ ޖޫރިމަނާ ހުރިހާ ފައިސާއެއް މައާފްވާނެއެވެ. މިއސްލާހުގައި ބުނެފައިވަނީ، ޤަވާއިދާ ހިލާފަށް ޕާކުކުރާ
އުޅަނދެއް ފުލުހުން ނަގައިގެން ގެންދާ ވަގުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި
އެ އުޅަނދެއްގެ މަޢުލޫމާތު ފަސޭހައިން ފެންނާނެހެން އާންމުކުރެވޭނެކަމަށާއި،
އެއުޅަނދާ ހަވާލުވުމަށް ވެރިފަރާތަށް ފަނަރަ ދުވަހުގެ މުހުލަތެއް ދެވޭނެކަމަށެވެ.
އެއަށްފަހު މިނިސްޓްރީން ކަނޑައަޅާ މުއްދަތުގެ ތެރޭގައި އެއުޅަނދަކާއި
ހަވާލުނުވެއްޖެނަމަ އެއުޅަނދެއް ނީލަން ކިއުން ނުވަތަ ނައްތާލުމުގެ އިޚްތިޔާރު މިނިސްޓްރީއަށް
ލިބިގެންވާނެކަމަށެވެ. ނަމަވެސް ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އުޅަނދު
ވަނީ އިސްތިސްނާކޮށްފައެވެ. އެބިލް ހުށައެޅުމުގެ މަޤްޞަދުގައި ބުނެފައިވަނީ، ރާއްޖޭގެ އެއްގަމު ދަތުރުފަތުރުގެ ނިޒާމު ހިންގުން ޚަރަދު
ކުޑަކުރުމާއި، ޤަވައިދާ ހިލާފަށް ޕާކް ކުރުމުގެ މައްސަލަ ހައްލުކޮށް
އެކަމަށް ޒަމާނީ ފިޔަވަޅުތަކެއް ތަޢާރަފްކުރުމެވެ.