ޚަބަރު

ކައުންސިލްތަކަށް 2435، އަންހެނުން ކޮމެޓީއަށް 1817 މީހުން ކުރިމަތިލައިފި


އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުކުމަށް 2435 މީހަކު ފޯމު ހުށައަޅާފައި ވާކަމަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް 1817 މީހުން ކުރިމަތިލާފައި ވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ އޭޕްރީލް 4ގައި ބާއްވާ ދެ އިންތިޚާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތަކުގެ ސައްޚަކަން ކަނޑައަޅައި ނިމިފައިވާކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލާފައިވަނީ ޖުމަލް 2435 ކެނޑިޑޭޓުންނެވެ.

ކައުންސިލްތަކަށް ކުރިމަތިލީ ގޮތް

އެމްޑީފީ - 876 ކެނޑިޑޭޓުން.
ޕީޕީއެމް - 679 ކެނޑިޑޭޓުން.
ޖޭޕީ - 127 ކެނޑިޑޭޓުން.
އަދާލަތު - 30 ކެނޑިޑޭޓުން.
އެމްޑީއޭ - 22 ކެނޑިޑޭޓުން.
އެމްއާރްއެމް - 16 ކެނޑިޑޭޓުން.
އެމްއެސްއެލްޑީޕީ - 4 ކެނޑިޑޭޓުން.
ޑީއާރުޕީ - 1 ކެނޑިޑޭޓުން.
އަމިއްލަ ހައިސިއްޔަތުން - 680 ކެނޑިޑޭޓުން.

ކައުންސިލް އިންތިޚާބަށް ކުރިމަތިލީ ކެނޑިޑޭޓުންގެ ތެރެއިން 12 ރަށަކުން އެކި މަޤާމުތަކަށް ކުރިމަތިލީ 15 ކެނޑިޑޭޓަކު މިހާރުވެސް ވަނީ ޤަނޫނުގައި ކަނޑައަޅާފައިވާ އަދަދަށް އެމަޤާމުތަކަށް ކުރިމަތިލުމާއި ގުޅިގެން ގޮނޑިކަށަވަރުވެފައިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ޖުމްލަ 1817 ކެނޑޭޓުން ވާދަކުރާނެއެވެ.

އަންހެނުން ކޮމެޓީތަކަށް ކުރިމަތިލީ ގޮތް

އެމްޑީފީ - 722 ކެނޑިޑޭޓުން.
ޕީޕީއެމް - 517 ކެނޑިޑޭޓުން.
ޖޭޕީ - 56 ކެނޑިޑޭޓުން.
އަދާލަތު - 25 ކެނޑިޑޭޓުން.
އެމްޑީއޭ - 20 ކެނޑިޑޭޓުން.
އެމްއާރްއެމް - 4 ކެނޑިޑޭޓުން.
އަމިލަ ހައިސިއްޔަތުން - 473 ކެނޑިޑޭޓުންނެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު، 3 ރަށެއްގެ ކޮމެޓީތަކަށް ޤާނޫނުގައި ބުނާ އަދަދަށް މީހުން ކުރިމަތިލާފައިނުވާއިރު، ޤާނޫނުގައި ބުނާ އަދަދަށް މީހުން ކުރިމަތި ލުމާއި ގުޅިގެން 22 ރަށެއްގެ އަންހެނުންގެ ކޮމިޓީއަށް ބޭނުންވާ މެންބަރުންގެ ގޮނޑި ކަށަވަރުވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ޤާނޫނުގައި ބުނާއަދަދަށް ކެނޑޭޓުން ކުރިމަތިލުމާއި ގުޅިގެން މިހާރު ގޮނޑި ކަށަވަރުވެފައިވާ ކެނޑިޑޭޓުންގެ މައުލޫމާތު ރަސްމީކޮށް އިއުލާންކުރާނީ، މާޗްމަހުގެ 4 ވަނަ ދުވަހު ކެނޑިޓޭޓުންގެ ނަންތައް ތަރުތީބުކުރުމަށްފަހުގައިކަމަށެވެ. ޤާނޫނުގައި ބުނާގޮތުން ނަން ތަރުތީބުކޮށް ގުރުއަތު ނެގުމުގެ ކުރިން ނަން އަނބުރާ ގެންދިއުމުގެ އިޚްތިޔާރު ކުރިމަތިލާ ފަރާތައް ލިބިގެންވެެއެވެ.